ވޯކްސް ކޯޕަރޭޝަން ލިމިޓެޑަށް ދެ އެކްސް ކަވޭޓަރު ގަތުމަށްފަހު އާންމު ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރަށް ފައިސާ ދެއްކި މައްސަލާގައި އެކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ)ގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން މިމައްސަލަ ތަހުގީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ވޯކްސް ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކީ ޖާވިދު ކަމަށް ބުނެފައި ނުވި ނަމަވެސް މިކަން ހިނގި ދުވަސްވަރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ޖާވިދު އެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ ދަނބިދަރިއެކެވެ.
އޭސީސީން މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްސް ކަވޭޓަރަށް ފައިސާ ދެއްކި ދުވަސްވަރު ޑޮލަރުގެ ރޭޓަކީ 12.85 ރުފިޔާ ކަމަށެވެ. ނަމަވެސް އެކްސް ކަވޭޓަރު ގަނެގެން ގެނެސްދިން އަމިއްލަ ކުންފުންޏަށް، ވޯކްސް ކޯޕަރޭޝަނުން ފައިސާ ދެއްކީ ޑޮލަރަކަށް 13.75 ރުފިޔާގެ ރޭޓުން ކަމަށެވެ. އެހެންކަމުން ފައިސާ ދައްކަންޖެހޭ އަސްލު އަދަދަށް ވުރެ އިތުރަށް 358،200 ރުފިޔާ ވޯކްސް ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏަށް ދައްކާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ވޯކްސް ކޯޕަރޭޝަނުން މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޭރުގެ މެނޭޖިން ޑިރެކްޓަރު ކަން ފާހަގަކޮށް އޭސީސީން ބުނީ ރަސްމީ އަގަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކޭނީ އެމްއެމްއޭގެ ހުއްދަ ހޯދައިގެން ކަމަށްވީ ނަމަވެސް ވޯކްސް ކޯޕަރޭޝަނުން އެކަމުގައި އެމްއެމްއޭ އިން ހުއްދަ ހޯދާފައި ނުވާ ކަމަށެވެ. އަދި ބޮޑު އަގުގައި ޑޮލަރަށް ފައިސާ ދެއްކީ ޑޮލަރު ލިބުން ދަތިވެގެން ކަމަށް އޭރުގެ މެނޭޖިން ޑިރެކްޓަރު ތަހުގީގުގައި ވިދާޅުވި ނަމަވެސް ޑޮލަރު ހޯދަން އެކުންފުނިން ކުރި މަސައްކަތެއް ނެތް ކަމަށްވެސް އޭސީސީން ބުނެ އެވެ.
މިމައްސަލާގައި އޭސީސީން އެދިފައިވަނީ ބޮޑު އަގުގައި ޑޮލަރަށް ފައިސާ ދެއްކުމުން ވޯކްސް ކޯޕަރޭޝަނަށް ލިބުނު ގެއްލުމުގެ ބަދަލު ޖާވިދުގެ އަތުން ހޯދުމަށާއި އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަށެވެ.
މިމައްސަލައާއި އެކު ޓެންޑާ ބޯޑުގެ ހުއްދަ ނެތި އެކްސް ކަވޭޓަރު ގަނެފައިވާ ކަމަށް ބުނާ މައްސަލަ ވެސް އޭސީސީން ވަނީ ބަލާފަ އެވެ. ނަމަވެސް އޭސީސީން ބުނީ އެކަން ކޮށްފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްގެން ކަމަށާއި އަދި އެކްސް ކަވޭޓަރު ވެސް ކުންފުންޏަށް ލިބިފައިވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާފަ އެވެ.
ވޯކްސް ކޯޕަރޭޝަނުން ބޮޑު އަގުގައި ޑޮލަރަށް ފައިސާ ދެއްކުމުން ޖާއަށް ދައުވާކުރަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ