ކަންކަމާ ހަވާލުވެ ތިބި މީހުން 24 ގަޑިއިރު މަސައްކަތް ކޮށް ރައްޔިތުން ސަލާމަތް ކުރަން ޖެހޭ: ސިޔާމް

ރައްޔިތުންގެ ކަންތައްތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުން 24 ގަޑިއިރު މަސައްކަތްކޮށް ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގުލުން ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖެ މިހާރު މި އޮތީ މީގެ 200 ނުވަތަ 300 އަހަރު ކުރިން ވެސް ނުދެކޭ ފަދަ ދަތި އުނދަގޫ ކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. "މިކަމާ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ. އިއްޒަތްތެރި ރައީސް މި ގައުމުގައި ތިބި ރައްޔިތުންނަށް ކާންދޭން އެބަ ޖެހޭ. މިގައުމުގައި ތިބި ރައްޔިތުންނަށް އެމީހުނަށް ދިރިއުޅެވޭނެ ގޮތްތަކެއް ހަދައިދެވެން ޖެހޭނެ. އަޅުގަނޑުމެން މި މަގާމުތަކުގައި އަޅުގަނޑުމެންގެ އެކި ކަންތައްތަކުގައި ހަވާލުވެތިބި މީހުން އެބަ ޖެހޭ މިއަދު 24 ގަޑިއިރު މަސައްކަތްކޮށް ދިވެހި ރައްޔިތުންނަށް ލިބެމުން މިދާ ބޮޑެތި ގެއްލުންތަކުން ފޫބެއްދުމަށް ޓަކައި މަސައްކަތް ކުރަން،" ސިޔާމް ވިދާޅުވި އެވެ. އެންމެ މުހިންމު އެއް މަސައްކަތަކަށް ވާން ޖެހޭނީ ގައުމުގެ ރައްޔިތުންނަށް ފައިދާ އާއި ލާބަ ލިބޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުން ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ގައުމުގައި ތިބި ނުބައި ނުލަފާ ފަރާތްތަކުގެ އަތުން މި ގައުމު ސަލާމަތް ކުރެއްވުމަށް ވެސް ސިޔާމް ވަނީ ގޮވާލައްވައިފަ އެވެ. ސިޔާމް އެހެން ވިދާޅުވެފައިވާ އިރު، ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން މުޅި ދުނިޔެ ވެސް ވަނީ އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިފަ އެވެ. ބަލިމަޑުކަން ރާއްޖޭގައި ވެސް ފެތުރި ގިނަ ގެއްލުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ވިޔަފާރިތައް އަޑިއަޅާލައި ގިނަ ބައެއްގެ ވަޒީފާތައް ވެސް އަންނަނީ ގެއްލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ