ގައުމު ފަނާވެގެންދާތަން ބަލަން ނުތިބުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ގޮވާލައްވައިފި

ގައުމު ފަނާވެގެންދާތަން ބަލަން ގައުމުގެ މުއައްސަސާތަކާއި ރައްޔިތުން ނުތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ގޮވާލައްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ޖުމްހޫރީ މާލަމުގައި ބޭއްވި ޖަލްސާގައި އިބްރާހީމް ހަސަން ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދުކުރައްވާ މަޖިލީސް މެމްބަރުންނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރުންގެ ތެރެއިން އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންފައިވާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަތުމަށް ގޮވާލެއްވިއެވެ.
އިބްރާހީމް ހަސަން ވިދާޅުވީ ސަރުކާރުން ކުރާ ޣައިރުގާނޫނީ ކަންކަން ގާނޫނުއަސާސީއާއި އިސްލާމްދީނާއި ދިވެހި އުންމަތުގެ ހައްގުގައި ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ގާނޫނާ ޚިލާފަށް ފުލުހުންގެ މުއައްސަސާއިންނާއި އަދި އެހެން މުއައްސަސާތަކުން ވެސް އަމަލުކޮށްގެން ނުވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ޖުމްހޫރީ މާލަމުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވާއިރު ދިވެހި ރައްޔިތުންނަށް އެހީވުމުގެ ވާހަކައަކީ ދާދި އިހަށްދުވަހު އެމަނިކުފާނު ވިދާޅުވާން ފެއްޓެވި ވާހަކައެއް ނޫން ކަމަަށާއި އެމަނިކުފާނުގެ އުމުރުފުޅުން 19 އަހަރުން ފެށިގެން އެވާހަކަ ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"ފުލުސް އޮފީހަށް ގާސިމް އިބްރާހީމް މިގެންދިޔައީ މި ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ބުނަނީ. އެމަނިކުފާނާ އެހީވާ ބޭފުޅަކަށް އެހީވާނެ ކަމަށް ވިދާޅުވުމުން ކަމަށް ބުނަނީ. އެމަނިކުފާނު މާކުރިން އެވާހަކަ ވިދާޅުވެއްޖެ. އުމުރުފުޅުން 19 އަހަރުގައި އެވާހަކަ ވިދާޅުވެއްޖެ. އެހެންވީމަ މިވަރުވީމަ ދެންނެވޭނީ ސޮރީީއޭ. ކުފޫހަމައެއް ނުވެއޭ" އިބްރާހީމް ހަސަން ވިދާޅުވިއެވެ.
ފިޔާތޮއްޓަކީ ހަމައެކަނި އޮތް ޝިފާ ކަމަށާއި ނޫހުފާނުގެ އޮޑިކޮޅުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ދައްކަވާއިރު ސަރުކާރަކީ އަނިޔާވެރި އޮޑިއެއް ކަމަށާއި އެއަށް އަރާ މީހަކު ވާނީ ޣަރަގު ކަމަށް ވެސް އިބްރާހީމް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމު ބިނާކުރެއްވި ހުރިހާ ބޭފުޅުން ފަނާކޮށްލާފައިވާ ކަމަށެވެ.
އިބްރާހީމް ހަސަން ވިދާޅުވީ އަނިޔާވެރި ވެރިއަކާ ދެކޮޅަށް ނުކުތުމަކީ އެންމެ ބޮޑު ޖިހާދު ކަމަށާއި ގައުމު ފަނާވެގެންދާތަން ބަލަން މުއައްސަސާތަކާއި ރައްޔިތުން ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގައުމަށްޓަކައި ތެދުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މެމްބަރުން އަޅުގަނޑުމެންނާ ގުޅުމަށް ދެންނެވުމަކީ ކުށެއް ނޫން. ރައީސް ޔަމީން ވިދާޅުވީ އެވިލާއޭ އަންނާށޭ. ދާއިރާގެ ތަރައްގީ ހޯދަން އަންނާށޭ. މަޖުބޫރުވެގެން މިހާރު މިވާހަކަ މިދައްކަނީ" ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އިބްރާހީމް ހަސަން ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވާނެ ކަމަށާއި ސަރުކާރުގައި އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. އަދި ތާއީދާއި ލޯތްބަކީ ގަދަބާރުން ނުވަތަ އަދަބުދީގެން ލިބޭނެ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ