ނޫސްވެރިންގެ ބައްދަލުވުމެއްގައި ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުކޮށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ދީފައިވާ ވަގުތަށް ބަދަލު ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުން ފަސްކޮށްފި އެވެ.
މައުމޫން ހަމީދަށް ފުލުހުން އިއްޔެ ފޮނުވާފައިވާ ޗިޓްގައި އަންގާފައިވަނީ މިރޭ 10:00 ޖަހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ. ނަމަވެސް މައުމޫން ހަމީދުގެ އެދިވަޑައިގަތުމަށް ފުލުހުން ވަނީ އޭނާ މާދަމާ މެންދުރުފަހު 1:00 ޖަހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުން ފަސްކޮށްދީފަ އެވެ.
މައުމޫން ފުރަތަމަ އެދިވަޑައިގަތީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެެވެ. ނަމަވެސް ތަހުގީގުގެ އިންތިޒާމުތައް މިއަދުގެ އެވަގުތަށް ހަމަޖެއްސެން ނެތުމުން އޭނާ އެދިވަޑައިގެން މާދަމާއަށް މިހާރު ފަސްކޮށްފައިވާ ކަމަށްވެސް މައުމޫން ހަމީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ހަމީދަށް ފުލުހުން ފޮނުވާފައިވާ ޗިޓްގައި ބުނެފައިވާ ގޮތުން މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވެނީ "ކުށެއްގެ" ތުހުމަތަށެވެ. އެއީ މިއަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލުރައްވާ ދެއްކެވި ވާހަކަފުޅުގައި ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެއްކާއި ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް މައުމޫން ހަމީދު ދީފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
މައުމޫން ހަމީދު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އަދި އެ ނޫން ބައްދަލުވުމެއްގައިވެސް ދޮގު މައުލޫމާތުތަކެއް ފޯރުކޮށްދީފައި ނުވާނެ ކަމަށާ އަބަދުވެސް ހާމަކުރައްވަމުން ގެންދަވަނީ ތެދު މައުލޫމާތު ކަމަށެވެ.
މައުމޫން ހަމީދުގެ މައްޗަށް ކުށެއްގެ ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު މައުމޫން ހަމީދު ގެންދަވަނީ ސަރުކާރުން ކުރާ ދެކޮޅު ނުޖެހޭ ކަންތަކާއި ގުޅޭގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ބައެއް ކަންކަމުގައި ހުރި ގާނޫނީ މައްސަލަތަކާއި ސަރުކާރުގެ އިސްވެރިން ދައްކަވާ ބައެއް ވާހަކަތަކަށް ގޮންޖައްސަވާ ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރުން ޖަލަށްލާ ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ގާނޫނީ ވަކީލުންގެ ޓީމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ މައުމޫން ހަމީދެވެ. މައުމޫން ހަމީދު މިގެ ކުރިން ވަނީ ރައީސް މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކާއި ގުޅިގެން ފުލުހުން ދައްކާ ވާހަކަތަކުގައި ހުރި ދެކޮޅު ނުޖެހޭ ބައެއްކަންކަންވެސް މީޑިއާތަކުގައި ހާމަކުރައްވާފަ އެވެ.
މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވުން ފަސްކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ