އެއްޖިންސުން ކައިވެނި ކުރާ މީހުންނާއި ދެކޮޅަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރި ނުވުމުން އަދާލަތުން އެކަން ކުށްވެރިކޮށްފި

އެއް ޖިންސުން ކައިވެނިކުރަން ބޭނުންވާ އދ.ގެ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް އދ.ގެ ސެކްރެޓަރީ ޖެނަރަލް ބަންކީ މޫން ނިންމެވުމުން އެކަމާ ދެކޮޅަށް ހުށަހެޅުނު ގަރާރާ މެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ރާއްޖެ އިން ބައިވެރި ނުވި މައްސަލަ އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެެ.
އަދާލަތު ޕާޓީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެއް ޖިންސުން ކައިވެނި ކުރާ މުވައްޒަފުންނަށް އދ. އިން އިނާޔަތް ދިނުމާއި ދެކޮޅަށް ހުށަހެޅި ގަރާރަކަށް ރާއްޖެ އިން ވޯޓް ނުދިނުމަކީ ލަދުވެތި ކަމެއް ކަމުގަ އެވެ.
މިވޯޓާއި ގުޅިގެން އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އިއާދު ހަމީދު ވީނިއުސް އަށް ވިދާޅުވީ ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ މުޖުތަމައަށް އެ ދިން މެސެޖުން އަންގައިދެނީ އެއް ޖިންސުން ކައިވެނިކުރަން ބޭނުންވާ އދ.ގެ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ދިވެހިން ދެކޮޅު ނޫން ކަން ކަމުގަ އެވެ.
"ސަރުކާރުގެ މިސްޓޭންޑްގެ ސަބަބުން މުސްލިމް ދިވެހި ރައްޔިތުން ލަދުގަންނަންޖެހޭ،" އިއާދު ވިދާޅުވި އެވެ.
އެނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވާންޖެހޭނީ އިސްލާމްދީނާ ދިވެހިން ގަބޫލުކުރާ ހަމަތަކުގައި މަތީގައި އަދި ގައުމުގެ އެންމެ މަތީ މަސްލަހަތު އިސްކުރެވޭ ގޮތަށް ކަމަށާއި ދީނާ ބީރަށްޓެހި ކަންކަމަށް ހިތްވަރު ދެވޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރެވިގެން ނުވާނެ ކަމަށެވެ.
ރަޝިޔާގެ ގަރާރަށް ވޯޓަށް އެހީ މިދިޔަ ބުދަ ދުވަހު އޮތް އދ.ގެ އާންމު މަޖިލީހުގަ އެވެ.
ރަޝިޔާގެ ގަރާރު ފާސްކުރުމާއި ދެކޮޅަށް 80 ގައުމަކުން ވޯޓް ދިނުމާ ގުޅިގެން އެއް ޖިންސުން ކައިވެނިކުރަން ބޭނުންވާ އދ.ގެ މުވައްޒަފުންނަށް އިނާޔަތް ލިބިގެންދާނެ އެވެ. ރަޝިޔާގެ ގަރާރު ފާސްކުރުމަށް ވޯޓް ދެއްވީ 43 ގައުމުންނެވެ. މިވޯޓުގައި 37 ގައުމަކުން ބައިވެރިއެއް ނުވެ އެވެ. ރާއްޖެ ހިމެނެނީ މިވޯޓުގައި ބައިވެރި ނުވާ ގައުމުތަކުގެ ތެރޭގަ އެވެ.
ރަޝިޔާގެ ގަރާރު ފާސްކުރުމާ އެއްކޮޅަށް ރާއްޖެ ހިމެނޭ ސާކް ސަރަހައްދުން އިންޑިއާއާއި ޕާކިސްތާނުން ވޯޓް ދީފައިވެ އެވެ. މީގެ އިތުރުން ރާއްޖެ ފަދަ ސަތޭކަ ޕަސަންޓް މުސްލިމް ދައުލަތެއް ކަމުގައިވާ ސައުދި އަރަބިއްޔާއާއި ދުނިޔޭގެ ބޮޑު ބާރެއް ކަމުގައިވާ ޗައިނާ އިންވެސް ވޯޓް ދިނީ ރަޝިޔާގެ ގަރާރު ފާސްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ