ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި: ޝިޔާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު "ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ތިބޭފުޅުން ނަގަން ނުޖެހޭ ކަމަށް" ރައީސް މުހައްމަދު ނަޝީދު ސިފައިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ހެކިބަސް ދީފި އެވެ.
ޝިޔާމް މިހެން ވިދާޅުވީ ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ކޯޓަށް ހެކިބަސް ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރިތާ ހަފްތާއެއް ފަހުން ސިފައިންގެ ކާނަލް ރޭންކުން މަތީގެ ރޭންކްތަކުގައި ތިއްބެވި ސިފައިންނާ ރައީސް ނަޝީދު ބައްދަލުކުރެއްވި ކަމަށެވެ. ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވީ ގާޒީ ބަންދު ކުރުމާ ދެކޮޅަށް އެ ބައްދަލުވުމުގައި ބައިވެރިވި އޮފިސަރަކު ވާހަކަ ދެއްކެވުމުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ނަޝީދު އެހެން ވިދާޅުވުމުން އެކަން ލިޔުމުން ދެއްވަން އެ އޮފިސަރު ނަޝީދަށް ދެންނެވި ކަމަށާ އެ ލިޔުން ދެއްވާނެ ކަމުގައި ނަޝީދު ވިދާޅުވި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ރައީސް ނަޝީދު އަމުރު ކުރެއްވިކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ނަޝީދާ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތް އިބްރާހިމް ކަލޭފާނު ކަަމަށެވެ. އެގޮތަށް ވިދާޅުވާންޖެހެނީ އެ ދެ ބޭފުޅުންނަށް ނޭނގި އެފަދަ އޮޕަރޭޝަނެއް ނުހިންގޭނެތީ ކަމުގައިވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ހެކިބަސް ދެއްވުމާއި ގުޅިގެން ނަޝީދުގެ ގާނޫނީ ޓީމުގެ ބޭފުޅުން އޭނާއާ އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ޝިޔާމާ ސުވާލުކުރަން ފުރުސަތު ދެއްވުމުން ރައީސް ނަޝީދު އަމިއްލަފުޅަށް ތެދުވެ ވަޑައިގެން ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން ޝިޔާމާ ކުރައްވާނެ ސުވާލެއް ނެތް ކަމަށެވެ. ނަޝީދު އެގޮތަށް އަމަލުކުރެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެެވެ. އެކަމަކު ޝަރީއަތުގެ މިރޭގެ އަޑުއެހުމަށް ޝިޔާމް ހެކިބަސް ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޝިޔާމަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ވާތީ އޭނާގެ ހެކިބަސް ނުނެގުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ފަނޑިޔާރުން ވަނީ ޝިޔާމްގެ ހެކިބަސް ނަގާފަ އެވެ.
ޝަރީއަތުގެ އަޑުއެހުމަށްފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ އެބޭފުޅުން ޝިޔާމާއި އެއްވެސް ސުވާލެއް ނުކުރެއްވީ ޝިޔާމް ހެކިބަސް ދެއްވިއިރު ރައީސް ނަޝީދާ ދެކޮޅަށް ހެކިބަސް ދެއްވާފައިވާ ކަމަށް އެބޭފުޅުންނަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ.
ރޭގެ އަޑުއެހުމާއި އެއްގޮތަށް މިރޭގެ އަޑުއެހުމުގައި ވެސް އޮތީ މައްސަަލައާއި ގުޅޭ ހެކި ހުށަހެޅުމެވެ. އެގޮތުން މިރޭގެ އަޑުއެހުމުގައި ނަޝީދާ ދެކޮޅަށް ތިން ހެއްކެއް ހުށަހަޅާފައިވެ އެވެ. އެއީ ޝިޔާމްގެ އިތުރުން ސިފައިންގެ ޑޮކްޓަރު އަލީ ޝާހިދާއި ސިފައިންގެ ސައިކޭޓްރިސްޓް އައިޝަތު ޒީނާގެ ހެކިބަހެވެ. އެ ދެމީހުންގެ ހެކިބަހުގައި ރައީސް ނަޝީދާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. މައިގަނޑު ގޮތެއްގައި އެ ދެބޭފުޅުން ވާހަކަ ދެއްކެވީ އަބްދުﷲ ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ކުރިއަށް ގެންދިޔަ ގޮތުގެ މައްޗަށެވެ.
ޝަރީއަތުގެ މިރޭގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ވެސް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ