އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާ ސާބިތެއް ނުވި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިން ނިކުމެ އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު މޫސާ އަލީ ޖަލީލު ހުންނެވީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.
ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމުގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި މޫސާ އަލީ ޖަލީލު ބަހާއި އަމަލުން ބައިވެރިވި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ޓެރަރިޒަމްގެ ކުށް މުސާ އަލީ ޖަލީލުގެ މައްޗަށް ސާބިތުވި ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ އަރުވާލަން ހުކުމް ކުރެވޭނެ އެވެ. އަދި އެ ދައުވާ ސާބިތުވި ނަމަ އޭނާއަށް ވަޒީރުކަން ވެސް ގެއްލިގެންދާނެ އެވެ.
މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވީ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ ޝުޖާއު އުސްމާނެވެ.
ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް އިއްވުމާއި ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ޖަލީލު ވިދާޅުވީ "އަލްޙަމްދުﷲ" އެވެ. އަދި އެއަށްފަހު އަޑުނުވީއްލާ ދުއާ އެއް ކުރެއްވުމަށްފަހު ފެންކަޅިވެފައިވާ ޖަލީލުގެ ދެލޯފުޅު ފޮހެލެއްވި މަންޒަރު ފެނިގެންދިޔަ އެވެ.
ޖަލީލްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ހެކިން ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު ޖަލީލަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ވިޔަސް އޭނާ ހުންނެވީ ވަރަށް ސިފައިންގެ މަސައްކަތުން ވަރަށް ބޮޑަށް ބާކީކޮށްފައި ކަމަށެވެ. ގާޒީ ހައްޔަރު ކުރުމާ ބެހޭ އަމުރުތައް ނެރެމުން ދިޔައީ އޭރު ހުންނެވި ޑިފެންސް މިނިސްޓަރު ތޮލްހަތް އިބްރާހިމް ކަލޭފާނު ކަމަށްވެސް ހެކިން ޝަރީއަތުގައި ބުނެފައިވެ އެވެ. ޖަލީލް ސިފައިންގެ މަސައްކަތުން އެދުވަސްވަރު އެކަހެރިވާ ގޮތަށް ކަންކަން ވެގެން ދިޔައީ ސިފައިންގެ އޮނިގަނޑަށް ގެނައި ބަދަލެެއްގެ ސަބަބުން ކަމަށާއި އެ އޮނިގަނޑަށް ގެނެވުނު ބަދަލަކީ ގާނޫނާ ހިލާފް ބަދަލެއް ކަމަށް ވިދާޅުވެ ޖަލީލު ރައީސް އޮފީހަށް އެ ދުވަސްވަރު އެކަން އެންގެވި ކަމުގައިވެސް ހެކިން ބުނެފައިވެ އެވެ.
މި މައްސަލާގައި ދައުވާ ލިބޭ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި، އޭރު ކާނަލަކަށް ހުންނެވި މުހައްމަދު ޒިޔާދުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައްވެސް މިހާރު ނިންމާލާފަ އެވެ. ތޮލްހަތާއި ޒިޔާދުގެ މައްޗަށް ހުކުމް ކުރުމަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ތާވަލް ކުރުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ.
މޫސާ އަލީ ޖަލީލުގެ މައްޗަށް މިރޭ ހުކުމްކޮށްފައިވާއިރު އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެެވެ.
އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތުގެ އަޑުއެހުންތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައި މިވަނީ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑިމިޓް ކުރުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ މަހު އިންޑިއާއަށް ގެންދިއުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ