ސްކޫލް ކުދިންނަށް ފެރީގައި ހިލޭ ދަތުރުކުރެވޭ ގޮތްވުމަކީ ކުރަން ލަސްވެފަ އޮތް ކަމެއް - އަދީބު

ހުޅުމާލެ އާއި މާލެ އާއި ދެމެދު ފެރީތަކުގައި ދަތުރުކުރަމުންދާ ސްކޫލް ކުދިންނަށް ހުޅުމާލެ ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ކުރަން ލަސްވެފައި އޮތް ކަމެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުމާލެ ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކުރުމަށް މިއަދު ހަވީރު ހުޅުމާލެ ފެރީ ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ސަރުކާރުން ހުޅުލެ އާއި މާލެ އާއި ދެމެދު ބްރިޖު އަޅާނެ ވާހަކަ ދައްކާއިރު އާއި ބޮޑެތި ތަރައްގީ ގެންނާނެ ވާހަކަ ދައްކާއިރު ފުރަތަމަ އާދައިގެ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ފެރީ ނިޒާމެއް ނުހިންގޭ ފަރާތަކަށް، ނުވަތަ ފެރީތަކެއް މެނޭޖް ނުކުރެވޭ ފަރާތަކަށް ބްރިޖެއް ނޭޅޭނެ، ފުރަތަމަ ބްރިޖު އެޅޭނީ މިހާރު ހުރި ހިދުމަތްތަކާއި މިހާރު ހުރި ކަންތައްތައް ރަނގަޅުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުމާލެ ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ގުޅިގެން އެމްޓީސީސީގެ އިސްވެރިންނަށާއި ބޯޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހުޅުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު ހަސަން ޒިޔަތު ކުރެއްވި މަސައްކަތް ވެސް ވަރަށް ބޮޑަށް ފާހަގަކޮށް ޒިއަތަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ވަރަށް ބޮޑަށް ގެނެސްދީ، އަދި މިކަމަށް ރެއާއި ދުވާލު މަސައްކަތްކޮށް މިކަން ސަމާލުކަމަށް ގެނައި މިދާއިރާއަށް ކުރިމަތިލައްވާފައިވާ ހަސަން ޒިއަތަށް އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވި ގޮތުގައި ޒިއަތު އިސް ނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ސަރުކާރުގެ މިނިސްޓަރުންނަށް އެތައް ސިޓީފުޅެއް ލިޔުއްވާފައިވެ އެވެ.
އަދީބު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ތިބޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފަހަތުގައި ކަމަށާއި ސަރުކާރުން މަސައްކަތް ކުރާނީ އަބަދުވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ކުރިއަރުވަން ކަމަށެވެ. އަދި މި ސަރުކާރުން އައީ ދައުލަތުގެ ކުންފުނިތައް އެކަހެރިކޮށް ޕްރައިވެޓް ކުންފުނިތައް އުފައްދާ ރާއްޖެ އާބާދުކުރަން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝިހާމް އަލީ މިއަދު ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުމާލެ ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް އަންނަ މަހުގެ އެކަކުން ފެށިގެން ހަމަޖައްސާނެ ކަމަށާއި ހުޅުމާލޭގައި އުޅޭ ދަރިވަރުންނަށް ފެރީގެ ހިދުމަތް ހިލޭ ދޭނޭ ގޮތްތަކާ މެދު ސަރުކާރާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެމްޓީސީސީން ބުނީ ސްކޫލް ކުދިން ރަޖިސްޓްރީ ކޮށްގެން ހިލޭ ދަތުރު ކުރެވޭ ގޮތް ހަދާނީތޯ ނޫނީ ޔުނީފޯމްގައި ހުންނަ ކޮންމެ ކުއްޖަކަށް ވެސް ދަތުރު ކުރެވޭނެތޯ ވަަރަށް އަވަހަށް ނިންމާނެ ކަމަށެވެ. ހުޅުމާލެ ފެރީން ޓިކެޓެއް ވިއްކަނީ ކޮޅަކަށް، 5.50ރ. އަށެވެ.
ހުޅުމާލެ ފެރީގައި ސްކޫލް ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭ ގޮތް ހެދުމަށް ނިންމަވާ އެކަން އެމްޓީސީސީ އަށް އެންގެވީ ރައީސް އަބްދުﷲ ޔާމީނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ