ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީއަށް ފާރިޝްއާއެކު ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ފިިރިހެން ދަރިކަލުން ފާރިސް މައުމޫން ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ކުރިމަތިލައްވައިފި އެވެ.
ފާރިޝްއާއެކު ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިތުރު ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވަނީ ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ.
ފާރިޝްއާއެކު ޕްރައިމަރީއަށް ކުރިމަތިލެއްވި ބޭފުޅުންނަކީ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އެކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމް އެވެ.
ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިޝް މައުމޫނަކީ ޕީޕީއެމްގެ ތަރުޖަމާން އެވެެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވީ މިއަދު ހަވީރު 4:00 ޖެހިއިރު އެވެ.
ޕީޕީއެމްގެ ޓިކެޓް ދިނުމުގައި ބަލާނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި، ޕާޓީ އަށް އެމީހަކު ހިދުމަތް ކޮށްދީފައިވާ މިންވަރާއި، ޕާޓީގެ ފިކުރު ހިފެހެއްޓި މިންވަރާއި ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދައިދިނުމަށް ކެމްޕެއިން ކޮށްދީފައިވާ މިންވަަރަށް ކަމަށެވެ.
ޓިކެޓަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދޭއިރު މަދުވެގެން 75 އިންސައްތަ މާކްސް ލިބިގެން ނޫނީ ޓިކެޓަށް ކޮލިފައި ނުވާނެ ކަަމަށް އިއުލާންގައިވެ އެވެ. އެ މިންވަރަށް މާކްސް ލިބުނީ އެންމެ މީހަކަށް ނަމަ އެ މީހަކަށް ޓިކެޓް ދޭނެ ކަމަށާއި އެކަކަށް ވުރެ ގިނަ މީހުންނަށް އެ މިންވަރަށް މާކްސް ލިބިއްޖެ ނަމަ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކުރުމާއި ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އަދި ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޑީޕީއާ އަދާލަތުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން އަދާލަތަށް ނިސްބަތްވާ އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރު ވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ