ޑްރަގް ކޯޓުން މިނިވަންކުރި މަސްތުވާތަކެތީގެ ބޮޑެއް އަނެއްކާވެސް އުމުރަށް ޖަލަށް

ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުން އެ ކޯޓުން މިނިވަންކުރި މަސްތުވާތަކެތީގެ ބޮޑެއް މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ލ.ގަމު މަންދަގޭ ހަސަން ޔޫސުފް ގެ މައްޗަށެވެ.
ޑްރަގް ކޯޓުން ހަސަން ޔޫސުފް މިނިވަންކުރީ މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.
ހަސަން ޔޫސުފް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކުރީ 2009 ގައި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރަން އުޅުމުން އޭނާ އެއްލާލި ސިގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.
ހައި ކޯޓުން މި މައްސަލައިގަ މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހެކިންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން ޔޫސުފްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށާއި އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔޫސުފަކީ ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ކުރަމުން ދަނިކޮށް ހައްޔަރުކުރި މީހެކެވެ. އޭނާ ހައްޔަރުކުރީ 2009 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ