ޕީޕީއެމްގެ ތެރޭގައި ކޮރޮޕްޝަން ދަނީ ފެތުރެމުން: މައުމޫން

ޕީޕީއެމްގެ ތެރޭގައި ކޮރޮޕްޝަން ފެތުރެމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތުހުމަތު ކުރައްވައިފި އެވެ.
ރައީސް މައުމޫން ރާއްޖެ ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަމުން އަންނަނީ އެ ޕާޓީ އުފެއްދި މަގްސަދާ އެއްގޮތަކަށް ނޫން ކަމަށާއި އެއާ މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން ޕީޕީއެމް އުފެއްދި މަގްސަދު ތެރޭގައި އިދާރީ ދާއިރާތަކުގައި ފަސާދައާއި ކޮރޮޕްޝަންގެ އަމަލުތައް ނެތި ކުރުން ހިމެނޭ ކަމަށާއި ނަމަވެސް ކޮރޮޕްޝަން ގިނަވެ ޕީޕީއެމްގެ ތެރޭގައި ވެސް ފެތުރެމުން އަންނަ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އޭގެ އިތުރުން ބިން ވިއްކުމުގެ ގާނޫނަށް ބަދަލު ގެނެސް ބިޑަކާ ނުލާ ވިއްކޭ ގޮތަށް ބަދަލު ކުރުމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންމުން ވެސް ސަރުކާރުން ދާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް ޑިމޮކްރަސީގެ އެއްވެސް ހައްގެއް ރައްޔިުންނަށް ނުލިބޭ ކަމަށާއި ކުށްވެރިވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާ މީހުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެންވެ މިހާރު މި ހިނގަނީ އަޅުގަނޑުމެން ފާސް ކުރި އަސާސީ ގަވައިދާ އެއްގޮތަކަށް ނޫން، އޭގެ ރޫހާ ހިލާފަށް އަދި އޭގައި ލިޔެފައި ހުރި އެއްޗެއްސާ ވެސް ހިލާފަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމުން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އިންތިހާބީ މަގާމުތަކަށް ބޭފުޅުން ހޮވުމަަށް ގައުމީ ޖަލްސާއެއް ބާއްވަން ޖެހޭ އިރު އެ މަގާމުތަކުގެ މުއްދަތު ހަމަވިއިރު ވެސް ޖަލްސާ ބާއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ އެއްވެސް މަގާމެއްގައި ހުރި ބޭފުޅެއްގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށާއި އެ މައްސަލަ އީސިގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ދެން ނޭނގެ ކުރާނެ ކަމެއް، މިއީ ކުރިން ދިމާވި ހާލަތެއް ނޫން، އެހެންވެ އެ މައްސަލާގައި ދެން ޖެހޭނީ އިލެކްޝަން ކޮމިޝަނުން ގޮތެއް ނިންމަވަން، އެހެންވެ އެކަން އެ ބޭފުޅުންގެ ސަމާލު ކަމަށް ގެނައީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދަވައިގެން އިދިކޮޅާ އެކު މަސައްކަތް ކުރަމުން ގެންދަވާ ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީންއަށް ދެވޭނީ އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ އިތުރު ބޭފުޅަކު ހުރިތޯ ބެލުމަށް ޕާޓީ ތެރޭގައި އެކަން އިއުލާން ކޮށްގެން ކަމަށެވެ. އަދި އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ ގައުމީ ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވާ ކަމަށާއި އެ މަރުހަލާތައް ފުރިހަމަ ނުކޮށް ޓިކެޓު ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ