ދެވަނަ ބުރުގައި ވެސް އެމްބީސީން ރިޔާސީ ބަހުސް ބާއްވަނީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯދައިގެން ދެވަނަ ބުރުން ޖާގަ ހޯދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް މުހައްމަދު ނަޝީދުއާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިންއާއި ދެމެދު ރިޔާސީ ބަހުސްގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީން) ބުނެފިއެވެ.
އެމްބީސީން މައުލޫމާތުދޭ ގޮތުގައި ރިޔާސީ އިންތިހާބު 2013 ގެ ދެވަނަ ބުރުގެ ދެ ކެންޑިޑޭޓުންގެ ބަހުސް ބާއްވާނެ ކަމަށް ލަފާކޮށްފައިވާ ތާރީހަކީ 23 ސެޕްޓެމްބަރު 2013 އެވެ. ނަމަވެސް ބަހުސް ބާއްވާނެ ސީދާ ތާރީހެއް ފައިނަލް ކުރުމަށް ކެންޑިޑޭޓުންގެ މަންދޫބުންނާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެމްބީސީން މައުލޫމާތުދެއެވެ.
އެމްބީސީން ބުނެފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ބަހުސްގައި ކަނޑައެޅޭ ދާއިރާތަކުން ކެންޑިޑޭޓުންނަށް ސިޔާސަތު ބަޔާން ކުރެއްވުމަށް އެރުވޭ ގޮތަށް ސުވާލު ދެންނެވުމާއެކު ފުރަތަމަ ބަހުސާއި ހިލާފަށް މިފަހަރު އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތަށް ފާޑުވިދާޅުވެ ރައްދު ދެއްވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
މިބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބުރުގެ ރިޔާސީ ބަހުސް ފަދައިން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށް އެމްބީސީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ