އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމްބިއުލާންސެއް ގޮއްވާލައިގެން އާދިއްތަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 103 އަށް އަރައިފި އެވެ.
ގޮވާތަކެތި ބަރުކޮށްގެން ދިޔަ އެމްބިއުލާންސެއް އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި މީހުން ތޮއްޖެހިފައިވާ ސަރަހައްދެއްގައި ގޮއްވާލުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ބައެއް މީހުން މިއަދު މަރުވެފައިވާ ކަަމަށާއި އަނިޔާވި މީހުންގެ އަދަދުވެސް މިހާރު އިތުރުވެފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން މައުލޫމާތުދެ އެވެ.
އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު ވާއިސް ބާމާކް ވިދާޅުވީ އިއްޔެ މެންދުރު ވަގުތު ދެވުނު މިހަމަލާގައި މަރުވި މީހުންގެ އަދަދު 103 އަށް އަރާފައިވާ ކަމަށާއި އަދި ޒަހަމްވި މީހުންގެ އަދަދު 235 އަށް އިތުރުވެފައިވާ ކަމަށެވެ.
މިހަމަލާއަކީ ތާލިބާނުން ދިން ހަމަލާއެއް ކަމަށް އެ ޖަމާއަތުން ބުނެފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި ކާބުލްގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ. މިހަމަލާއާއި ގުޅިގެން މިއަދުވެސް ކާބުލްގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ.
ކާބުލްގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާއިރު އިއްޔެއަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.
އިއްޔެގެ މިހަމަލާއާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ތާލިބާނުންގެ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ކާބުލްގައި ބޭރު މީހުން އެއްވެ އުޅޭ ތަންތަނަށް ހަމާލާތައް އަމާޒު ކުރުމަކީ އާންމު ކަމެކެވެ. މިދިޔަ ހަފްތާގައި އައިއެސް ހަނގުރާމަވެރިން ވަނީ އަފްޣާނިސްތާނުގައި ހުންނަ "ސޭވް ދަ ޗިލްޑްރެންސް"ގެ އޮފީހަށް ވެސް ހަމަލާދީފަ އެވެ. މި އޮފީހަކީވެސް ބޭރު ގައުމުތަކުގެ އޮފިޝަލުންތަކެއް މަސައްކަތް ކުރާ އޮފީހެކެވެ.
އިއްޔެގެ ހަމަލާ އަމާޒުކޮށްފައިވަނީ އެހެން ގައުމުތަކުގެ މަތީ ފެންވަރުގެ ބޭފުޅުން މަސައްކަތް ކުރައްވާ ގިނަ އޮފީސްތަކެއް ހުންނަ ސަރަހައްދަކަށެވެ. އޭގެ ތެރޭގައި ކާބުލްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ އޮފީސްވެސް ހިމެނެ އެވެ. ނަމަވެސް މިހަމަލާގައި އެ އޮފީހުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމްބިއުލާންސް ގޮއްވާލުމުން މަރުވި މީހުންގެ އަދަދު 103 އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ