އެމްޑީޕީ އައްޑޫ "ނިމުމެއް ނެތް އެއްވުން" މިއަދު ހަވީރު

އެސްއޯ ފުލުހުން ނިކުމެ އިއްޔެ ހަވީރު އެމްޑީޕީން އިސްނަގައިގެން ބޭއްވަން އުޅުނު ވެހިކަލް ބުރަށް ހުރަސް އެޅުމާއި ގުޅިގެން "ނިމުއް ނެތް އެއްވުން" ނަމުގައި މިއަދު އަލުން އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީ އައްޑޫ ދާއިރާގެ އިސް އޮފިޝަލަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ ސިޔާސީ ހަރަކާތްތައް ދެން މެދު ނުކެޑި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އަދި ފުލުހުން ގާނޫނާއި ހިލާފަށް އެއްބަޔަަކަށް ހިމާޔަތް ދީ އަނެއް ބަޔަކަށް ހުރަސް އަޅާ އެޅުން ބަލައި ނުގަންނާނެކަމަށާއި އިތުރު އެއްވުން ތައް ދެން ބާއްވާނެކަމަށެވެ.
އެގޮތުން މިއަދުގެ އެއްވުން ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިން ހަވީރު 4 ޖަހާއިރު ފެށުމަށް ވަނީ ނިންމާފައެވެ. މި އެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ވަނީ އެދިފައެވެ.
އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅުނު އެއްވުން އެސްއޯ ފުލުހުން 3:30 ހާއިރު އެސަރަހައްދަށް ގޮސް ވަނީ ހުއްޓުވައި ހުރަސް އަޅާފައެވެ. ނަމަވެސް އެއްވި މީހުން ވަނީ އެމްޑީޕީ ހަރުގެއިން ފެށިގެން ފުލުހުންގެ ސަފުތަކުގެ ދޭތެރެއިން ގޮސް ހިތަދޫ ޕެބްލްސް ގެސްޓް ހައުސް ހިސާބަށް ގޮސް އަޑު އުފުލާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ހަރަކާތެއް ހިތަދޫ ސްޓޭޖް ސަރަހައްދުގައި އޮތުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ދިޔަ މީހުން ބާރުގެ ބޭނުންކޮށް ރޫޅާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ