ރޭ މެންދަމުން ފެށިގެން ދޭތެރެ ދޭތެރެއިން މ.މަޑުއްވަރީން ކަރަންޓު ކެނޑެމުންދިޔަ މައްސަލަ މުޅިން ހައްލުކޮށް އެރަށަށް ކަރަންޓު ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
"މ.މަޑުއްވަރީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް މިއަދު 11:00 ގައި ވަނީ އެރަށަށް ކަރަންޓު ދެވިފައި" ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރ މަނިކު ވިދާޅުވިއެވެ.
މ.މަޑުއްވަރިން ކަރަންޓު ކެނޑޭ މައްސަލައިގައި އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް ނާފިއު ވިދާޅުވީ، ރޭ މެންދަމު 02:30 އިން ފެށިގެން ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓު ކެނޑެމުންދިޔަ ނަމަވެސް މިހާރު މުޅި ރަށަށް ކަރަންޓު ލިބިފައިވާކަމަށެވެ.
ނާފިއު ވިދާޅުވީ، ރަށުން ކަރަންޓު ކެނޑިފައިވަނީ ސިންކްރޮނައިޒް ޕެނަލަށް ދިމާވި ޓެކްނިކަން މައްސަލައަކުން ކަމަށް، ފެނަކަ ކޯޕަރޭޝަނުން މަޑުއްވަރީ ކައުންސިލަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. މި މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓުގެ ހިދުމަތް ދީފައިވާއިރު، މިއަދު ހެނދުނުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ މ.އަތޮޅު ރީޖަނަލް އޮފީހުގެ ޓެކްނިކަލް ޓީމެއް އެރަށަށް އައިސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް ނާފިއު ވިދާޅުވިއެވެ.
އަށްސަތޭކައެއްހާ ރައްޔިތުން ދިރިއުޅެމުންދާ މ.މަޑުއްވަރީއަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދެމުންދާ ސަރުކާރުގެ ކުންފުންޏެކެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އާންމު ރައްޔިތުން އަތުން ކަރަންޓަށް ބިލުކުރާ އަގު ހަމަހަމޮށް ޒަމާނުންސުރެ މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ގެންގުޅެމުންއައި ތަފާތުކުރުން ނައްތާލަފައެވެ.
މައްސަލަ ހައްލުކޮށް މަޑުއްވަރީ އަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ