އުމަރާ މެދު ނަފުރަތު އުފެދޭ ވާހަކަތައް ނުދައްކަން ގާސިމް އަންގައިފި

ޖުމްހޫރީ ޕާޓީއާއި ގުޅެން ބޭނުންވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ނަފުރަތު އުފެދޭ ފަދަ ވާހަކަ ނުދެއްކުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ގާސިމް އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ފޮނުއްވި މެސެޖެއްގައެވެ.
ގާސިމް އެގޮތަށް މެސެޖު ކުރެއްވި އިރު އުމަރު ނަސީރު ޖޭޕީއާއި ގުޅިވަޑައިގެންނެވުމާ މެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށް އެޕާޓީގެ ބައެއް އިސްފަރާތްތަކުން ވެސް ދިޔައީ ހާމަ ކުރަމުންނެވެ.
ގާސިމްގެ މެސެޖުގައި ވިދާޅުވީ އަނެއްކާ ވެސް އިސްލާހީ މަސައްކަތުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވަރުގަދަ ޝަހުސިއްޔަތުތަކެއް ޖޭޕީއާއި ގުޅިވަޑައިގަންނަވާނެ ކަމަށާއި އިހުލާސްތެރިކަމާއެކު އުމަރަށް މަރުހަބާ ކިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.
އިދިކޮޅު އެހެން ޕާޓީތަކާ އެއް ކޯލިޝަނެއްގައި ޖޭޕީން މަސައްކަތް ކުރަމުން ދަނިކޮށް އުމަރު ކުއްލިއަކަށް އެޕާޓީއާއި ގުޅިވަޑައިގެންނެވުމުން ކޯލިޝަނާ މެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރައްވާނެކަން ވެސް އިއުލާން ކުރައްވާފައިވާ އުމަރު ޖޭޕީއާއި ގުޅިވަޑައިގެންނެވި އިރު ގާސިމަށް ވާދަ ނުކުރެވޭ ނަމަ ޖޭޕީގެ ޓިކެޓަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އުމަރު ވަނީ ޖޭޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކަށް އެންމެ އެކަށީގެންވަނީ ގާސިމް އިބްރާހީމް ކަމަށް ވިދާޅުވެފައެވެ.
އުމަރު ނަސީރަކީ މީގެ ކުރިން ވެސް ޖޭޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އެއީ 2013 ވަނަ އަހަރު ރިޔާސީ ޕްރައިމަރީގައި ޕީޕިއެމްގެ ތެރޭގައި ބަލިވެ އެ ޕާޓީން ބޭރުކޮށްލުމުންނެވެ. ޖޭޕީގެ ޓިކެޓުގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމަށްފަހު ޖޭޕީ ކޯލިޝަނުން ވަކިވެ އެމްޑީޕީއާއި ގުޅުނު ހިސާބުން އުމަރު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ