ގާޒީ ބަދަލުކުރިކަން ނަދީމަށް އަންގާފައި ނުވާތީ ޝަރީއަތް ފަސްކޮށްފި

ކުރީގެ ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ކުރިން އެންގުމަކާ ނުލާ ބަދަލުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން މިއަދުގެ އަޑުއެހުން ފަސްކޮށްފިއެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ފިރިކަލުން ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ.
މިއަދު ހެނދުނު 9:00 އަށް ތަވަލުކުރި އަޑުއެހުން ފަށަފައިވަނީ މެންދުރު 12:00 ޖަހާ އެހާކަންހާއިރުއެވެ.
ޝަރީއަތް ފެށުމުން ނަދީމްގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އިޖުރައީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ކުރިން ބޭއްވި އަޑުއެހުމުގައި އިންނެވީ ގާޒީ ހުސެއިން ޝަހީދު ކަމަށާ ގާޒީ ބަދަލުވި ސަބަބު ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އިންނެވީ ފަނޑިޔާރު އަހުމަދު ހައިލަމްއެވެ.
ސިރަާޖު ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ގާޒީ ބަދަލުވެއްޖެ ނަމަ އެކަން ދެ ފަރާތަށް ވެސް އަންގަންޖެހޭނެ ކަމަށެވެ. އެކަމަކު ގާޒީ ބަދަލުވި ސަބަބު ނަދީމަށް އަންގާފައި ނެތް ކަމަށާ އެހެންކަމުން މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ނެންގެވި އިޖުރާއީ ނުކުތާއަށް ރިއާޔަތްކުރައްވާ ގާޒީ ހައިލަމް ނިންމެވީ ފަނޑިޔާރު ބަދަލުވި ސަބަބު ސާފުކޮށްދެއްވުމަށް މިއަދު ޝަރީއަތް މެދުކނަޑާލެއްވުމަށެވެ. އަދި ފަހުން އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށްވެސް ގާޒީ ހައިލަމް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުން އިއްވި ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެފައިވާ ކަމަށެވެ.
ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގައި ނަދީމުގެ ބައިވެރިވުމެއް އޮތް ކަމަށްވެސް ދައުވާގައިވެއެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ނަދީމް އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ނަދީމް ހިމެނޭ ގޮތަށް ނުވަ ބޭފުޅަކަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެގޮތުން މިލިސްޓްގައި ހިމެނެނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުުގެ ހަތަރު މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ