ސުއޫދު ސުޕްރީމް ކޯޓުން އަޒުލު ކުރަން ޖެހޭ: ޑރ.ޝަހީމް

ސުޕްރީމް ކޯޓަށް އައްޔަން ކުރިއައްޔަން ކުރި، މަރުތަކާއި ބެހޭ ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު، އެ ކޯޓުން އަޒުލު ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.ސުއޫދު މަރުކޮމިޝަނާއި ހަވާލުވެ ހުންނެވިއިރު ވަނީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ޕީޕީއެމްގެ ދީނީ ގޮފީގެ ކުރީގެ ރައީސް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓަށް ބިނާކޮށް ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލާފައެވެ. ޑރ. ޝަހީމްގެ މައްޗަށް ކުރަނީ އެ މައްސަލާގައި ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. މަރު ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން ޑރ. ޝަހީމްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅިކަން މީޑިއަތަކުން ހާމަ ކުރުމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓްތަކެއްގައި ވަނީ، ކޮމިޝަަނަށް ލިބިގެންވާ ބާރު ބޭނުން ނަހަަމަ ގޮތުގައި ހިފައި ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް، ޑރ. އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވުމަށް ކަމަށް ވިދާޅުވެފައެވެ. ސުއޫދަށް ފާޑު ވިދާޅުވެ ޑރ.ޝަހީމް ވިދާޅުވީ އޭނާ ކުޅުއްވަނީ ސިޔާސީ ކުޅިއެއް ކަމަށާއި، ސުއޫދުގެ ނަޒާހާތްތެރިކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން މަރުކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައި، ތަހުގީގު ފުރިހަމަ ނުކޮށް ރިޕޯޓް ނެރުނު މައްސަލާގައި އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. ސުއޫދަކީ ސިޔާސީ ދާއިރާގައި ވަކިކޮޅަކަށް ޖެހިވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަށް ވާތީ، އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން އެކަމަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ