އެއްވެސް މީހަކަށް އަނިޔާއެއް ލިބޭނެފަދަ ކަމެއް ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ ނުކުރައްވާނެ ކަމަށް އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މިނިސްޓަރު އައިޝާ ދެއްކެވި ވާހަކައަށް ތައުރީފު ކުރައްވައިފައެވެ.
ގާސިމް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓަރު ބަދުނާމު ކުރުމުގެ ގޮތުން ބަޔަކު ނެރުނު އޯޑިއޯގެ ސަބަބުން، އެފަރާތްތަކުން "އަތަށް ގޮވީ" ކަމަށެވެ. އަދި ނަފްރަތުގެ ބަދަލުގައި އެ އޯޑިއޯގެ ސަބަބުން އެކަމަނާއަށް ލިބުނީ މީހުންގެ ލޯބި ކަމަށް ވިދާޅުވިއެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ ވާހަކައަކީ ވެސް ކޮންމެ ދޭދޭ މީހަކު ވެސް ދައްކާ ވާހަކައެއް. ހަމަ ގައިމުވެސް އަޅުގަނޑުގެ އަނބި އައިޝާއެއް ނޫން އެކަން އެ ކުރައްވަނީއެއް. އަދި މީހަކަށް އަނިޔާއެއް ދޭން އެއްވެސް ކަމެއް ނުކުރައްވާނެކަން އަޅުގަނޑަށް ކަށަވަރު" ގާސިމް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާ ހުތުރު ބަހުން އައިޝާ ވާހަކަ ދެއްކެވިކަމަށް ބުނެ ރާއްޖޭގެ ޓީވީ ޗެނަލަކުން އާންމުކުރި އޯޑިއޯގައި މުވައްޒަފުންގެ މަސައްކަތް ރަނގަޅު ކުރަން ނަސޭހަތް ދެއްވައި، ކަންކަން އިސްލާހު ނުވެއްޖެނަމަ، ވަޒީފާއިން ވަކި ކުރަންޖެހޭ މީހަކު ވަކިކޮށްގެންވިޔަސް، ރައްޔިތުންނަށްޓަކައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކުރައްވަން ބޭނުންވެލައްވާކަން ވިދާޅުވެއެވެ.
ދެ މިނެޓްގެ އެ އޯޑިއޯގައި އަޑު ހަރުކޮށް، މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، އެކަމަނާގެ ހަ ދަރިން ގޭގައި، މަންމަ ކައިރީގައި ބައިތިއްބާފައި ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ހަމަ ހަގީގަތުގައި ވެސް، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ތެދު ނިޔަތުގައި ކަމަށާއި އެކަންނުވާނަމަ ވަޒީރު ކަމުގައި އިންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ
ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ، ބައެއް ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަނީ "އަމާ ބުނީތީ ފަރަށް ދާ އުސޫލުން" ކަމަށެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ވަޒީފާއިން ވަކި ނުކުރެވޭނެ ބައެއް ނޫން ކަމަށާއި މަސައްކަތަށް ފަރުވާ ކުޑަކުރާނަމަ، ގާނޫނުގެ ތެރެއިން އެފަދަ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވޭ ކަމަށް ވިދާޅުވިއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގާސިމް ވިދާޅުވީ ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަށް ރައީސް ސޯލިހު ބާރު އަޅުއްވާ ކަމަށާއި އެކަން ނުކޮށް ޝަކުވާ ހުށަހެޅުމުން އެމަނިކުފާނު އެކަމާމެދު އަޅުއްވާނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.
ބަދުނާމު ކުރަން އުޅުމުން ގޮވީ އަތަށް، އަނިޔާއެއް ލިބޭފަދަ ކަމެއް އައިޝާ ނުކުރާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ