ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ހީރޯޝީމާގެ މޭޔަރ މަޓްސޫއީ ކަޒޫމީއާއި ބައްދަލުކުރައްވައި "ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް" އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާވަނީ، އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މަޤްބަރާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މާބޮނޑިއެއް ބާއްވަވާފައެވެ. އަދި، ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ޞުލްޙައަށް ތާޢީދުކޮށް އަޑުއުފުލަމުންދާ ޤައުމެކެވެ. އަދި، ޖަޕާނާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާ ޤައުމެކެވެ. މީގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރާއި އަދި އެހެނިހެން ފަނާކުރަނިވި އަދި ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި، ބޭނުންކުރުމާއި ދެކޮޅަށް ޖަޕާން ފަދަ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. ދިވެހިރާއްޖެއަކީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް" އަދި "ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" މުޢާހަދާގައި ސޮއިކޮށްފައިވާ ޤައުމެކެވެ .
-ޚަބަރާއި ފޮޓޯ ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ