އޮޅުވާލައިގެން މުސާރަނެގި މައްސަލާގައި މުސްއަބު ވަޒީފާ އިން ވަކިކޮށްފި

އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް މުވައްޒަފަކު ވައްދައި، މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ނެގި މައްސަލާގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވަޒީފާ އިން ވަކިކޮށްފި އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުސްއަބު ވަޒީފާ އިން ވަކިކޮށް އޭނާ އަށް އެކަން އަންގާފައި ވަނީ އިއްޔެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް ވަނީ މުސްއަބު ވަޒީފާ އިން ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ.
މުސްއަބު އިއްޔެ މަގާމުން ވަކި ކުރި އިރު، މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސީއެސްސީން ހުރީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލަ ބަލަމުން ދިޔަ އިރު، އޭނާގެ ސަސްޕެންޝަން ވަނީ ފަސް ފަހަރަށް އިތުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ސީއެސްސީން އެ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ 160،000ރ.ގެ ހިޔާނާތުގެ މައްސަލާގައި މުސްއަބުގެ ބައިވެރިވުން އޮތުމުން އޭނާ ސިވިލް ސާވިސްގެ ވަޒީފާ އިން ވަކިކުރުމަށެވެ. އޭގެ އިތުރުން މުސްއަބާއި ދެކޮޅަށް އެހެން ބައެއް މައްސަލަތައް ވެސް ހުށަހެޅިފައި ހުރި ކަމަށް ވެއެވެ. އެކަމަކު އެ މައްސަލަތަކުގެ ތަފްސީލެއް ނުލިބެ އެވެ.
މުސްއަބާއި ދެކޮޅަށް މި މައްސަލަ ސީއެސްސީ އަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ މުސްއަބާއި ގުޅޭ ގިނަ ޝަކުވާތަކެއް ސީއެސްސީގެ އަށް ހުށަހަޅާފަ އެވެ. އޭގެތެރޭގައި ފައިސާ އާއި މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމުގެ ހަތަރު ކަމެއް މިނިސްޓްރީން ސީއެސްސީ އަށް ހުށަހެޅި އެވެ.
އޭގެ އިތުރުން ވަޒީފާ އާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި، ނުފޫޒު ބޭނުންކުރުމުގެ ތިން ކަމެއް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިނިސްޓަރު އަންގާ ކަންކަން ތަންފީޒުކުރުމަށް އިހުމާލުވުން ފަދަ ކަންކަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ