ކޯނީގައި ތިއްބެވި ބޭފުޅުން ހަގީގަތާއި ދެކޮޅަށް އެއްވެސް ކަމެއް ނުނިންމާނެ - މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ވަނަ ދުވަހު ބަދަލުވިގޮތް ތަހުގީގު ކުރުމަށް ރައީސް ޑރ.ވަހީދު އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގައި ތިއްބެވި ބޭފުޅުންނަކީ ގަދަރުވެރި ބޭފުޅުން ކަމަށާއި އެބޭފުޅުން ވެސް ހަގީގަތާއި ދެކޮޅަށް އެއްވެސް ކަމެއް ނުނިންމާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ އިމާދުއްދީނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި އޮންނާނެ އެއްޗަކާ މެދު ބައެއް މީހުން ކަންބޮޑުވާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ހަގީގަތް އޮތީ ފެންނަން ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް ނޫނޭ. އެ ބޭފުޅުންނަކީ ވެސް އިއްޒަތާއި ގަދަރު ހުރި އިތުބާރު ހުރި ބޭފުޅުންނޭ، އެ ބޭފުޅުން ވެސް ހަގީގަތާ ދެކޮޅަކަށް އެއްޗެއް ވިދާޅެއްނުވާނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
ފެބްރުއަރީ 7 ގައި ސަރުކާރު ހިންގެވުމަށް އައި ބަދަލު ހިންގާދިޔަ ގޮތުގެ ކަންތައްތައް އެއީ ހަގީގަތަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް ކަމަށާއި އެދުވަހު ކަންތައްތައް ހިނގައި ދިޔަގޮތް، އެއްވެސް މީހަކަށް އޮޅުވައެއް ނުލެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށް ވާތީ އެ ހަގީގަތް ވެސް އޮޅުވާނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމުން ވަކި ބޭފުޅަކު ބައިވެރިވެ ވަޑައިގަތުމަށް އެމްޑީޕީން އިންކާރު ކުރާ ކަމަށާއި، އެޕާޓީން މަޝްވަރާތަކުގައި ބައިވެރި ކުރައްވާނެ ބޭފުޅަކު އެހެން މީހަކަށް ނޭނގޭނެ ކަމަށެވެ. އަދި މިހާރުވެސް އެޕާޓީން ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވަމުން ގެންދަވާ ކަމަށާއި، މަޝްވަރާތައް މެދުކެނޑިފައި އޮތަސް ދެންވެސް އެޕާޓީން ބައިވެރިވާނެ ބޭފުޅަކު ނިންމާނީ ކައުންސިލުން ކަމަށް މައުމޫން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވަނީ ޕީ.ޕީ.އެމްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. ޕީ.ޕީ.އެމްގެ ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ޕީ.ޕީ.އެމްގެ އިންތިޤާލީ ރައީސް، އަދި ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ