ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނުން "ބަޣާވާތެއް" ކަމަށް ކަނޑައެޅި ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވެރިކަން ބަދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިރޭ 10 ޖެހިއިރު ކޮމިޝަނަށް ވަޑައިގެންނެވުމަށްފަހު ޕީޕިއެމުގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ މައުމޫނު ވިދާޅުވީ "ބަޣާވާތެއް" ކަމަށް ގަބޫލުފުޅު ނުކުރައްވަނީ އެއީ "ބަޣާވާތެއް" ކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު ދުށިން މެލޭޝިއާގައި ހުއްޓަސް ވީޑިއޯ ރެކޯޑިން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ގޮތާއި ވިދާޅުވި ބަސްފުޅާ، ތިމަންނަ މި އިސްތިއުފާ ދެއްވީއޭ. ތިމަންނަ މި އިސްތިއުފާ ދެއްވަނީ ތިމަންނަ ރައީސްކަމުގައި އިތުރަށް ހުންނަވައިފިއްޔާ ގައުމަށް އިތުރު ހިތްދަތިކަމާއި ވޭންތަކެއް އަތުވެދާނެތީއޭ. އަނެއްކާ އިސްތިއުފާގެ ސިޓީ ލިއުއްވީ އޭނަ އަތްޕުޅުން އަމިއްލަފުޅަށް، ލިއުއްވާފައި ރައްޔިތުންގެ މަޖިލީހަށް ފޮނުވީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު ރައީސް ނަޝީދު "ވަޑައިގެން ގޭގައި އަވަހާރަފުޅު ލެއްޕެވީ" ކަމަށާއި އެ ދުވަހު މެންދުރާއި އެ ރެއާ އަނެއް ދުވަހު ހެނދުނާއި، އޭގެ ފަހުން އަނެއް ދުވަހު ކޮންމެވެސް ބަޔަކު ވާހަކައެއް ދައްކައިގެން "އެ ބޭފުޅާގެ އިސްތަށިފުޅަށް އެރިގެން" ހަވީރު ނުކުމެވަޑައިގެން "ބަޣާވާތަކުން" ވެރިކަން ބަދަލުކުރި ކަމަށް ވިދާޅުވާ ވާހަކަ އިންކުއަރީ ކޮމިޝަންގައި ދަންނަވާފައިވާނެ ކަމަށެވެ.
"އޭގެ ފަހުން އަނެއް ދުވަހު ހަވީރުއޭ ނުކުމެވަޑައިގެން ވިދާޅުވީ ނޫނެކޭ އެ އިސްތިއުފާ ދިނީކީ ނޫނޭ ނުވަތަ ދާއިމީ އިސްތިއުފާއެއް ނޫނޭ. ބަޣާވާތެކޭ، ދެން ކާކުތޯ އެ ވާހަކަ ގަބޫލުކުރާނީ. ކޮންމެވެސް ކަމެއް ހިނގީތާއޭ، 42 ގަޑިއިރު ފަހުން. ކޮންމެވެސް ބަޔަކު ވާހަކައެއް ދައްކައިގެން އެ ބޭފުޅާގެ އިސްތަށިފުޅަށް އެރިގެން މުޅިން ބަދަލުކުރެއްވީ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ އިސްތިއުފާ ކަމަށް ގަބޫލުކުރައްވައިގެންނޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ 7 ފެބުރުއަރީގައި އައި ބަދަލަކީ ރައީސް ނަޝިދު ވެރިކަމަށް ވަޑައިގެންނެވި ފަހުން ހިންގަވަމުން ގެންދެވި ގާނޫނާ ހިލާފު އަދި އިސްލާމްދީނާއި ހިލާފު ކަންތައް ތަކުގެ ސަބަބުން ރައްޔިތުން ނުރުހި ބަދަލެއް ބޭނުން ވުމުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ ކޮމިޝަނުން އޮޅުން ފިލުވަން ބޭނުންވި ކަންކަން އެމަނިކުފާނު ސާފުކޮށްދެއްވި ކަމަށާއި ކޮމިޝަނަށް ވަޑައިގެންނެވީ ކޮމިޝަނުން ސިޓީ ފޮނުވުމާ ގުޅިގެން އެމަނިކުފާނު އަރިހުން ސާފުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދެއްވުމަށް ކަމަށެވެ.
ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް ގަބޫލު ނުކުރައްވާނަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ