އަލީ ވަހީދާއި އިތުރު މެމްބަރުންނަށް ފައިސާ ދީގެން އެމްޑީޕީ އަށް ބަދަލުކުރާ ކަމަށް ބުނެ އޭސީސީ އަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ ޑީއާރުޕީ މެމްބަރު އަލީ ވަހީދު އާއި އެހެން ބައެއް މެމްބަރުން ވެސް ފައިސާގެ ނުފޫޒުން އެމްޑީޕީ އަށް ބަދަލުކުރާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޒައީމް ޑީއާރުޕީން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބުރާސްފަތި ދުވަހު ހުށަހަޅައިފި އެވެ.
ޒެޑް ޑީއާރުޕީގެ ރަޖިސްޓްރާ އަދި ޑައިރެކްޓާ އޮފް އިންޓަނޭޝަނަލް މީޑިއާ މުހަންމަދު ޝަރީފް (މުންދު) ވިދާޅުވީ، ފައިސާ ދީގެން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ވެސް މިހާރު ބޮޑުވެފައިވާ މައްސަލައެއް ކަމާއި އެކަން ހުއްޓުވެން އޮތް މަސައްކަތްތަކެއް ޒެޑް ޑީއާރުޕީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އެކަމާ މެދު ބައިނަލް އަގުވާމީގޮތުން ވެސް ކަންބޮޑުވާ މައްސަލައަކަށް ވެފައި އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިފަދަ ނޭދެވޭ ސަގާފަތެއް މަޖިލީހުގެ އިމުގެ ތެރެއިން ގާއިމްވުމަކީ އެދޭކަމެއް ނޫން،" މުންދު ވިދާޅުވި އެވެ.
ޒެޑް ޑީއާރުޕީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަދި ޑީއާރުޕީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ސޮއިކުރައްވައި އޭސީސީ އަށް ފޮނުވި ސިޓީގައި ވަނީ މަޖިލީހުގެ މެމްބަރުން ފައިސާ ދީގެން ޕާޓީ ބަދަލުކުރަމުން އަންނަ ވާހަކަތައް އާއްމުވެފައިވާ ކަމަށެވެ. އެގޮތުން އަލީ ވަހީދު ވެސް އެތައް މިލިއަން ރުފިޔާ އަކަށް އެމްޑީޕީ އަށް ގެންދިޔަ ވާހަކަ ވެސް ދެކެވޭ ކަމަށެވެ.
އެ ސިޓީގައި ވަނީ ފައިސާ އާއި މަގާމް އަދި ރިސޯޓުތަކާއި ފަޅުރަށްރަށް ފަދަ މުދާ ހަދިޔާއެއްގެ ގޮތުގައި ދީގެން ޕާޓީ ބަދަލުކުރުމަކީ ހުއްދަ އަދި ރީތި ކަމެއްގެ ގޮތުގައި ވެސް ނުބެލެވޭ ދަރަޖަ އަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އަންނަ ކަމަށެވެ.
"..ތިޔަ ކޮމިޝަނުން އަލީ ވަހީދާއި މިފަދަ އެހެނިހެން ބޭބޭފުޅުން އަދި މި ބޭފުޅުންނަށް ފައިސާދޭކަމަށް މި ވާހަކަ ދެކެވޭ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ އަމަލުތައް ތަހުގީގުކޮށްދެއްވައި ޕާޓީ ބަދަލުކުރާ ބޭފުޅުންގެ އެކައުންޓްތަކަށް އަދި އެ ބޭބޭފުޅުންގެ އެކުވެރިން، ތިމާގެ މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރޭތޯ ބައްލަވާ ކޮރަޕްޝަނެއްގެ މި އަމަލު ހުއްޓުވޭތޯ ބައްލަވާ ދެއްވުން އެދި ދެންނެވީމެވެ،" ޒެޑް ޑީއާރުޕީގެ ސިޓީގައިވެ އެވެ.
އެ ފެކްޝަނުން އިތުރަށް ބުނެފައި ވަނީ، ރައްޔިތުންނަށް ވައުދުވެ ވޯޓު ހޯދައިގެން އިންތިހާބުވުމަށް ފަހު އެ މީހެއްގެ ނަފްސު މުދަލަށް ބަދަލުކޮށް، ފިކުރު ފައިސާ އަށް ވިއްކުމަކީ މަކަރާއި ހީލަތް ކަމަށެވެ. ކޮރަޕްޝަންގެ މިފަދަ އަމަލުތައް ނުބަލައި ދޫކޮށްފި ނަމަ ަގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެ، ޑިމޮކްރަސީ ކިލަނބުވާނެ ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.
އޭސީސީ އަށް މައްސަލަ ތަހުގީގުކޮށްދިނުމުގެ ކުރިން ވެސް ފައިސާގެ ނުފޫޒުން ޕާޓީ ބަދަލުކުރާ މީހުންގެ ކޮރަޕްޝަންގެ އަމަލުތައް ބަލައިދިނުމަށް ޒެޑް ޑީއާރުޕީން ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ