ބަދަން ޕެކެޓު ހާދިސާގެ ބަދަލުގެ ގޮތުގައި 18،000 ޑޮލަރު ދޭން ޖެހިއްޖެ

ސޯލް (ޑިސެމްބަރު 19) - ފަސިންޖަރުން ކެއުމަށް ދިން ބަދަން ޕެކެޓެއްގެ މައްސަލައިގައި މުވައްޒަފަކު ބޯޓުން ބާލައި، މަގާމު ދަށްކުރި މައްސަލާގައި، އެ މުވައްޒަފަށް ބަދަލުގެ ގޮތުގައި 18،000 އެމެރިކާ ޑޮލަރު ދޭން ކޮރެއަން އެއާގެ މައްޗަށް ކޯޓުން އަމުރުކޮށްފި އެވެ.
ކޮރެއަން އެއާގެ ޗެއާމަންގެ ދަރިކަނބަލުންނަށް ތަށްޓެއްގައި ދިނުމުގެ ބަދަލުގައި ޕެކެޓުގައި ބަދަން ދިން މައްސަލާގައި، ޕާކް ޗޭންގް ޖިން ނަމަކަށް ކިޔާ ފްލައިޓް އެޓެންޑެންޓް ކުޑަކަކުލަށް ތިރިވެ މައާފަށް އެދެން މަޖުބޫރުކުރުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ކޮރެއަން އެއާގެ ޗެއާމަން ޔަން-ހޯގެ ދަރިކަނބަލުން ހެދާ ދެން ވަނީ އޭރު ނައްޓާލަން ތައްޔާރުވެފައިއޮތް ބޯޓުން ޕާކް ބޭލުމަށް އަންގައިފަ އެވެ.
އެ ހާދިސާއަށްފަހު ޕާކް ވަނީ އޭނާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދަން، ކޮރެއަން އެއާ އާއި ދެކޮޅަށް ދައުވާކޮށްފަ އެވެ. އޭނާ ބުނެފައިވަނީ، އެ ހާދިސާއާއި ގުޅޭގޮތުން މީޑިއާ އާއި ވާހަކަ ދައްކައިގެން އޭނާގެ މަގާމު ވެސް ބޭއިންސާފުން ދަށްކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ދެކުނު ކޮރެއާގެ ކޯޓަކުން ވަނީ އޭނާއާ އެއްކޮޅަށް އެ މައްސަލަ ނިންމައިފަ އެވެ. ނަމަވެސް، އޭނާގެ މަގާމު ދަށްކުރީ ރަނގަޅަށް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެ ވަގުތު ބޯޓުގެ ފަސިންޖަރެއްގެ ގޮތުގައި އިން ހެދާގެ އެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އޭނާ އަށް ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުކޮށްފައިވެ އެވެ. އަދި އެ ހަބަރު ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެރުމާ އެކު، ސޯޝަލް މީޑިއާގައި ވެސް އޭނާ އަށް ނުރުހުމާ ކުރިމަތިލާން ޖެހުނެވެ.
އެ ހާދިސާ ހިނގިއިރު އެއާލައިނުގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުރި ހެދާ ޗޯގެ މައްޗަށް ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަމާ ހިލާފަށް އަމަލުކުރިކަމުގެ ކުށް ސާބިތުވެ، ފަސް މަހަށް ޖަލަށް ލުމަށް 2015 ވަނަ އަހަރު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި ހާދިސާ އަށް ފަހު ހެދާ ކޮރެއަން އެއާގެ ވަޒީފާ އިން އިސްތިއުފާ ދިންއިރު، އޭނާގެ ބައްޕަ ވަނީ ދަރިފުޅުގެ "މޮޔަ އަމަލަށް" މައާފަށް އެދިފަ އެވެ. އަދި އެއާލައިނުން ވެސް ވަނީ އެ ކަމަށް މައާފަށް އެދި، ހެދާގެ އަމަލުތައް ތަހުގީގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ