2018 ވަނަ އަހަރު ބޮލީވުޑްގެ އެންމެ ކާމިޔާބު 20 ފިލްމު

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ބޮލީވުޑްގައި ތަފާތު އެތައް ފިލްމެއް ރިލީޒްކޮށްފައިވެ އެވެ. އާއްމުގޮތެއްގައި އެންމެ ކާމިޔާބު ފިލްމުތައް ނެރޭ ބޮލީވުޑްގެ ޓޮޕް 3 ޚާނުން ފަހަތަށް ޖައްސާލާ މިއަހަރު ވިދާލީ ޒުވާން ޚާއްސަކޮށް އާ އެކްޓަރުންނެވެ.
މި އަހަރު އެންމެ ކާމިޔާބު ފިރިހެން އެކްޓަރުންނަކީ އަޔުޝްމާން ޚުރާނާ، ރަންވީރް ސިންގް، ރަންބީރް ކަޕޫރް، ވިކީ ކޯޝަލް އަދި ރާޖްކުމާރް ރާއޯ އެވެ. އަންހެން އެކްޓަރުންނަށް ބަލާއިރު އާލިއާ ބަޓް، ދިޕިކާ ޕަދޫކޯން، އަނުޝްކާ ޝަރްމާ އަދި ރާނީ މުކަރްޖީގެ އިތުރުން ތައްބޫއާއި ސާރާ އަލީ ޚާނެވެ.
ތިރީގައި އެވަނީ މިއަހަރުގެ އެންމެ ރީތި އަދި ބޮކްސް އޮފީހުގައިވެސް އެންމެ ވިދާލި 20 ފިލްމެވެ. ކާމިޔާބީގެ ތަރުތީބުން ލިސްޓު އަތުރާފައި އެވަނީ އެތައްހާސް ބައެއްގެ ރޭޓިންއަށް އަދި އެތައް ފާޑިކުޔުންތެރިންނެއްގެ ރިވިއުތަކާ ބޮކްސް އޮފީހުގެ ވިޔަފާރިއަށް ބެލުމަށްފަހު އެވެ.
1. ސްޓްރީ
މި ލިސްޓުގެ އެއްވަނަ ލިބޭ މި ފިލްމަކީ ރާޖްކުމާރް ރާއޯ އަދި ޝްރައްދާ ކަޕޫރް އެކީގައި ކުޅެފައިވާ މަޖާ ބިރުވެރި ފިލްމެކެވެ. ފިލްމުން ޕަންކަޖް ތްރިޕާޓީ އަދި އަޕަރްޝަކްތީ ޚުރާނާވެސް މުހިއްމު ރޯލުތަކުން ފެނިގެންދިޔައެވެ.
ރޭޓިން: 7.9
ބަޖެޓް: 3.4 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 17.8 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ކުއަޑްރިޕްލް ބްލޮކްބަސްޓަރ
2. ބަދާއީހޯ
މި ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު އެކްޓަރ އަޔުޝްމާން ޚުރާނާ ގެ ފިލްމެކެވެ. ބަދާއީ ހޯ ގައި އަޔުޝްމާން އަދާކޮށްފައިވާ ރޯލެކޭ އެއްފަދައިން ފިލްމުގައި އަޔުޝްމާންގެ މަންމަޔާއި ބައްޕަގެ ރޯލު އަދާކުރި ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ އަށްވެސް ބެލުންތެރިންގެ ތަޢުރީފު އޮހިގެންދިޔައެވެ.
ރޭޓިން: 8.1
ބަޖެޓް: 4.1 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 19.2 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ޓްރިޕްލް ބްލޮކްބަސްޓަރ
3. ރާޒީ
އާލިއާ ބަޓް ލީޑް ރޯލު ކުޅުނު މި ފިލްމަކީ ބޮކްސް އޮފީގައި ބޮޑު ކާމިޔާބެއް ހޯދާނެ ކަމުގެ އުއްމީދުގައި ހެދި ފިލްމެއް ނޫނެވެ. މިއީ ސްޕައި ފިލްމުތަކާ ހަނގުރާމަމަތި ފިލްމުތައް ކަމުދާ މީހުންނަށް އެކަނި ހެދި ފިލްމެކެވެ. އެހެންނަމަވެސް ފިލްމު ވެގެންދިޔައީ ހީކުރި ގޮތާ ޚިލާފަށް އެންމެންނަށްވެސް ކަމުދިޔަ އަދި ވިޔަފާރީގެ ގޮތުން ވަރަށް ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށެވެ.
ފިލްމުގައި އިންޑިއާ ސިފައިންގެ ޖާސޫސެއްގެ ގޮތުގައި ޕާކިސްތާނު ސިފައިންގެ އޮފިސަރަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ ޒުވާން އަނަހެން ކުއްޖެއްގެ ރޯލު އާލިއާ އަދާކޮށްފައިވަނީ ވަރަށްވެސް ފުރުހަމައަށެވެ. ފިލމުގައި އާލިއާގެ ފިރިމީހާގެ ރޯލު އަދާކުރި ވިކީ ކޯޝަލްގެ އެކްޓިންއަށްވެސް ފާޑުކިޔުންތެރިންނާ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔައެވެ.
ރޭޓިން: 7.8
ބަޖެޓް: 5.4 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 17.5 އެމެރިކާ ޑޮލަރު
ކެޓެގަރީ: ޓްރިޕްލް ބްލޮކްބަސްޓަރ
4. އަންދާދުން
މިއަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ހަތަރުވަނަ ލިބެނީވެސް އަޔުޝްމާންގެ ފިލްމަކަށެވެ. މި ފިލްމު އަދި ނުބަލާ ހުރި ފަރާތެއްނަމަ މިއީ ކޮންމެހެންވެސް ބަލަންވީ ފިލްމެކެވެ. މި ފިލްމަކީ ރޭޓިންއަށް ބަލާފައި މިއަހަރުގެ އެއްވަނައެވެ. އަޔުޝްމާން މި ފިލްމުގައި ލޯ އަނދިރި މީހެއްގެ ރޯލުން ފެންނައިރު ނުބައިބައި ކުޅެނީ ތައްބޫއެވެ. މިއީ ތައްބޫގެ 25 އަހަރަށްވުރެ ގިނަދުވަސްވީ ކާމިޔާބު ފިލްމީ ކެރިއަރުގައި މިހާތަނަށް އޭނަގެ އެންމެ މޮޅު އެކްޓިންއެވެ.
ރޭޓިން: 8.9
ބަޖެޓް: 4.6 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 10.5 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ޑަބަލް ބްލޮކްބަސްޓަރ
5. ސަންޖޫ
މިއީ ބޮލީވުޑް އެކްޓަރ ސަންޖޭ ދަތްގެ ޙަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ކުޅަދާނަ އެކްޓަރ ރަންބީރް ކަޕޫރް ސަންޖޭގެ ރޯލު އަދާ ކޮށްފައިވާގޮތަށާއި ފިލްމުގައި ސަންޖޭގެ ބެސްޓް ފްރެންޑްގެ ރޯލު އަދާކޮށްފައިވާ އެކްޓަރ ވިކީ ކޯޝަލް އަށް ބެލުންތެރިން ވަރަށް ތަޢުރީފުކޮށްފައިވެއެވެ.
ރޭޓިން: 8.9
ބަޖެޓް: 13.7 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 17 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ޑަބަލް ބްލޮކްބަސްޓަރ
6. ސޯނޫކޭ ޓީޓޫ ކީ ސްވީޓީ
އެކްޓަރ ކާތިކް އާރްޔަން ލީޑް ރޯލު ކުޅުނު މި ފިލްމަކީ އޭނާ މިހާތަނަށް ކުޅެފައިވާ އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމުގެ ކާމިޔާބާއި އެކު އޭނާއަށް ވަނީ ބޮޑެތި ޕްރޮޑިއުސަރުންގެ ފަރާތުން ބޮޑެތި ފިލްމުތަކުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާއެކު ފިލްމުތައް ކުޅުމުގެ ފުރުސަތުތައް ލިބެން ފަށާފައެވެ.
ރޭޓިން: 7.2
ބަޖެޓް: 5.7 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 14.4 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ޑަބަލް ބްލޮކްބަސްޓަރ
7. ބާޢީ 2
ޓައިގަރ ޝްރޮފްގެ މި ފިލްމަކީ 2016 ވަނަ އަހަރު ރިލީޒްކުރި އޭނަގެ ފިލްމް ބާގީގެ ދެވަނަ ފިލްމެވެ. ދިޝާ ޕަޓާނީއާއެކު ޓައިގަރ ފެނިގެންދިޔަ މި ފިލްމަށް ބެލުންތެރިންގެ ފަރާތުންވަނީ ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައެވެ. އެއާއެކު މީގެ 3 ވަނަ ފިލްމެއްގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ރޭޓިން: 5.1
ބަޖެޓް: 8.5 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 22 އެމެރިކާ ޑޮލަރު
ކެޓެގަރީ: ޑަބަލް ބްލޮކްބަސްޓަރ
8. ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޯކްރާން
ޖޯން އަބްރަހަމްގެ ފިލްމު ކުންފުނިން އުފެއްދި މި ފިލްމަކީވެސް ހަނގުރާމަމަތީ ފިލްމުތައް ކަމުދާ ފަރާތްތަކަށް ޚާއްސަކޮށް ހެދި ފިލްމެކެވެ. ފިލްމުގެ ލީޑްރޯލު ކުޅުނީ ޖޯންއެވެ. މިވެސް ހީކުރިގޮތާ ޚިލާފަށް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.
ރޭޓިން: 7.8
ބަޖެޓް: 6.3 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 9.3 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ބްލޮކްބަސްޓަރ
9. 102 ނޮޓް އައުޓް
އަމީތާބް ބައްޗަން އަދި ރިޝީ ކަޕޫރް ބައްޕަޔާއި ދަރިފުޅުގެ ރޯލުން ފެނިގެންދިޔަ މި ފިލްމަކީވެސް މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މިއީ ތަޖުރިބާކާރު މޮޅު ދެ ތަރިންގެ މޮޅު އަދި މަޖާ ފިލްމެކެވެ.
ރޭޓިން: 7.5
ބަޖެޓް: 5 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 7.4 އެމެރިކާ ޑޮލަރު
ކެޓެގަރީ: ބްލޮކްބަސްޓަރ
10. ޕަދްމާވަތް
ދިޕިކާ ޕަދޫކޯން ރާނީ ޕަދްމިނީގެ ރޯލުން ފެނިގެންދިޔަ މި ފިލްމުގައި ދިޕިކާގެ ފިރިމީހާ ރާޖާ ރަތަން ސިންގްގެ ރޯލުން ޝާހިދް ކަޕޫރް އަދި ރާނީ ޕަދްމިނީގެ ރީތިކަމުގެ ވާހަކަ އަޑުއިވި އޭނާ ހާސިލްކުރުމުގެ މަޤްޞަދުގައި އުޅޭ ނުބައި ސުލްތާން އަލާއުއްދީން ޚިލްޖީގެ ރޯލުން ރަންވީރް ސިންގް ފެނިގެންދިޔައެވެ.
ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބޮޑު ބަޖެޓަކުން ހެދި މި ފިލްމު ދިޕިކާ ކުޅެދިނީ 13 ކްރޯޑް ރުޕީސްއަށެވެ. މިއީ ބޮލީވުޑް އެކްޓްރެސްއަކަށް ރެކޯޑް ޢަދަދެކެވެ. ރަންވީރް އަދި ޝާހިދް މި ފިލްމު ކުޅުނީ 10 ކްރޯޑް ރުޕީސްއަށެވެ.
ރޭޓިން: 7
ބަޖެޓް: 30.8 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 40.5 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ބްލޮކްބަސްޓަރ
11. ސިމްބާ
މިއީ އެކްޓަރ ސައިފް އަލީ ޚާން އަދި އެކްޓްރެސް އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ފެނިގެންދާ ފިލްމެކެވެ. އެހެންނަމަވެސް ސާރާގެ ބައި މި ފިލްމުގައި ވަރަށްވެސް ކުޑައެވެ. އެކްޝަން ކޮމެޑީ ފިލްމުތައް ހެދުމުގައި މަޝްހޫރު ޑައިރެކްޓަރ ރޯހިތް ޝެޓީގެ މި ފިލްމުގެ ލީޑް ރޯލު އަދާކުރަނީ އެކްޓަރ ރަންވީރް ސިންގެވެ.
ރަންވީރް ފުރަތަމަ ފަހަރަށް ފުލުހެއްގެ ރޯލުން ފެނިގެންދާ މި ފިލްމަށް އަންނަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންނެވެ. ގިނަ ފާޑިކިޔުންތެރިން ފާހަގަކޮށްފައިވާގޮތުންނަމަ ސަންގްރާމް ބާލޭރާއޯ (ސިމްބާ) ގެ ރޯލަކީ ޕަދްމާވަތްގައި ރަންވީރް އަދާކުރި އަލާއުއްދީން ޚިލްޖީގެ ރޯލު ނަގާފައި ދެން އޭނާ އެންމެ މޮޅަށް ކުޅެފައިވާ ރޯލެވެ.
ރޭޓިން: 6
ބަޖެޓް: 11.4 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 14.3 މިލިއަން އެމެރިކާ ޑޮލަރު (ރިލީޒްކުރިތާ މިވީ 3 ދުވަހުން ލިބިފައިވާ ޢަދަދު)
ކެޓެގަރީ: ހިޓް (ބްލޮކްބަސްޓަރ އަކަށް ވުމުގެ މަގުމަތީގައި)
12. ވީރޭ ދީ ވެޑިން
މުހިއްމު ރޯލުތަކުން މުޅިންހެން އަންހެން ތަރިން ފެނިގެންދިޔަ މި ފިލްމަކީ ސޯނަމް ކަޕޫރް އަދި ކޮއްކޮ ރިއާ ކަޕޫރް ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމުގެ ލީޑުން ފެނިގެންދިޔައީ ކަރީނާ ކަޕޫރް ޚާން އާއި ސޯނަމް ކަޕޫރެވެ. އަދި މުހިއްމު ރޯލުތަކުން ނީނާ ގުޕްތާ، ސްވާރާ ބާސްކަރް އަދި ޝީކާ ތަލްސާނިއާ ފެނިގެންދިޔައެވެ.
ރޭޓިން: 5
ބަޖެޓް: 6 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 11.5 އެމެރިކާ ޑޮލަރު
ކެޓެގަރީ: ބްލޮކްބަސްޓަރ
13. ހިޗްކީ
ރާނީ މުކެރްޖީ 4 އަހަރަށް ފަހު ބޮޑު ސްކްރީނުން ފެނިގެންދިޔަ މި ފިލްމަކީ ބެލުންތެރިންގެ އިތުރުން ފާޑުކިޔުންތެރިންގެ ވެސް މަޤްބޫލުކަން ލިބުނު މޮޅު ފިލްމެކެވެ. ޓޫރެޓް ސިންޑްރޯމް ހުންނަ ޓީޗަރެއްގެ ރޯލުން ރާނީ ފެނިގެންދިޔަ މި ފިލްމަކީ މިއަހަރުގެ އެންމެ ރީތި އެއް ފިލްމެވެ.
ރޭޓިން: 7.5
ބަޖެޓް: 2.9 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 6.6 އެމެރިކާ ޑޮލަރު
ކެޓެގަރީ: ސުޕަރހިޓް
14. ސަތްޔަމޭވަ ޖަޔަތޭ
ޖޯން އަބްރަހަމް ލީޑުން ފެނިގެންދިޔަ މި ފިލްމަކީވެސް ޖޯންގެ ފިލްމު ކުންފުނިން ކޯ ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމުގައި ޖޯން ފެނިގެންދަނީ ކޮރަޕްޓް ޕުލުހުން މަރާ މީހެއްގެ ރޯލުންނެވެ.
ރޭޓިން: 5.8
ބަޖެޓް: 6.5 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 11.4 އެމެރިކާ ޑޮލަރު
ކެޓެގަރީ: ސުޕަރހިޓް
15. ޕެޑްމޭން
އަކްޝޭ ކުމާރްގެ މި ފިލްމަކީ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ރަނގަޅަށް އިނގިރޭސިވެސް ނޭނގޭ އެހެންނަމަވެސް ތޫނުފިލި އަދި ބުރަ މަސައްކަތާ އަދި އާއިލާއާއި މުޖުތަމައުގެ ނުރުހުމާއެކުވެސް ޙަޔާތުގައި ކާމިޔާބު ހޯދާ މީހެއްގެ ރޯލުން އަކްޝޭ ފެނިގެންދިޔަ މި ފިލްމުން ސޯނަމް ކަޕޫރް އަދި ރާދިކާ އަޕްތޭވެސް މުހިއްމު ރޯލުތަކުން ފެނިގެންދިޔައެވެ.
ރޭޓިން: 8.1
ބަޖެޓް: 10.8 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 11.2 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ހިޓް
16. ރެއިޑް
އަޖޭ ދޭވްގަން އަކީ މި ފާއިތުވީ ދެއަހަރެއްހާ ދުވަހު ވަރަށް މޮޅެތި ފިލްމުތައް ކުޅެފައިވާ އެކްޓަރެކެވެ. ރެއިޑްގައި އަޖޭ އަދާކުރަނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ސޯރަބް ޝުކްލާ، އިލިއާނާ ޑީކްރޫޒް އަދޮ އަމިތް ސިއާލް ފެނިގެންދިޔައެވެ.
ރޭޓިން: 7.4
ބަޖެޓް: 10.3 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 14 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ހިޓް
17. ސުއީދާގާ
ވަރުން ދަވަން އަދި އަނުޝްކާ ޝަރްމާ ވަރަށް އާދައިގެ ދެމަފިރިންގެ ގޮތުގައި ފެނިގެންދިޔަ މި ފިލްމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތެއް ކުރުމުގައި ދިމާވާ ދަތިތަކާ އަދި އޭގެން ލިބޭ ފައިދާތަށް ދައްކުވައިދޭ ވަރަށް ލޯބި ރީތި ފިލްމެކެވެ.
ރޭޓިން: 6.8
ބަޖެޓް: 6.9 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 10.9 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ހިޓް
18. ސޫރްމާ
ޕަންޖާބް ލަވަކިޔުންތެރިޔާ ދިލްޖީތް ދޮސާންޖް، އިންޑިއާގެ މަޝްހޫރު ހޮކީ ކުޅުންތެރިޔާ، 32 އަހަރުގެ ސަންދީޕް ސިންގްގެ ރޯލުން ފެނިގެންދިޔަ މި ފިލްމަކީ ބެލުންތރިންގެ ފަރާތުން ދިލްޖީތަށް ވަރަށް ތަޢުރީފު ލިބުނު ފިލްމެކެވެ. ފިލްމުގައި ތާޕްސީ ޕައްނޫވެސް މުހިއްމު ރޯލަކުން ފެނިގެންދިޔައެވެ.
ރޭޓިން: 6.7
ބަޖެޓް: 4.4 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 4.6 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ހިޓް
19. ކެދާރްނާތް
މިއީ ސާރާ އަލީ ޚާންގެ ފުރަތަމަ ފިލްމެވެ. ފިރިހެން ލީޑްގެ ގޮތުގައި ފިލްމުން ފެނިގެންދިޔައީ ސުޝާންތް ސިންގް ރާޖްޕޫތެވެ. ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ މި ފިލްމު ކާމިޔާބު ވީ މި ދެ އެކްޓަރުންގެ ކުޅަދާނަ އެކްޓިންގެ ސަބަބުންނެވެ.
ރޭޓިން: 5.5
ބަޖެޓް: 5 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 9.6 މިލިއަން އެމެރިކާ ޑޮލަރު
ކެޓެގަރީ: ހިޓް
20. ދަޅަކް
މިއީ މަޝްހޫރު އެކްޓްރެސް ސްރީދޭވީ އަދި ޕްރޮޑިއުސަރ ބޮނީ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމެވެ. ފިރިހެން ލީޑްގެ ގޮތުގައި ފިލްމުން ފެނިގެންދިޔައީ ޝާހިދް ކަޕޫރްގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓާރެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކުރި މި ލޯބީގެ ފިލްމުގައި ޖާންވީއަށްވުރެ ބޮޑަށް ވިދާލީ އިޝާންއެވެ.
ރޭޓިން: 4.5
ބަޖެޓް: 5.8 މިލިއަން އެމެރިކާ ޑޮލަރު
ފައިދާ: 10.3 އެމެރިކާ ޑޮލަރު
ކެޓެގަރީ: ހިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ