މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސް މައުމޫނު މިރޭ މެލޭޝިއާއަށް

މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަށް މިރޭ ރައީސް މައުމޫނު އަބްދުލްގައްޔޫމް މެލޭޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ރިފީމް މޫވްމަންޓް (އެމްއާރުއެމް) ގެ ތަރުޖަމާނު، ތަޒުމީލް އަބްދުއް ސަމަދު ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްއިން މިއަދު ބޭއްވި ޕްރެސް ކޮމްފަރެންސެއްގައި ވާހަކަ ދައްކަވަމުން ތަޒުމީލް ވިދާޅުވީ، އެމަނިކުފާނުގެ އެދަތުރުފުޅުގައި ނައިބް ރައީސް ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނީ ދަތުރުފުޅު ނިމުން ކަމަށް ތަޒްމީލް ވިދާޅުވިއެވެ.
އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް މައުމޫނުގެ ތާއީދާއެކު 24 ދާއިރާއަކަށް ކެންޑިޑޭޓުން ކުރިމަތިލާނެއެވެ. ތަޒްމީލް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ރައީސް މައުމޫނު ވަނީ އެފަރާތްތަކަށް ބައްދަލުކުރައްވާ، މަޖިލީހަކީ ވިޔަފާރި ކުރާތަނަށް ހެދުމުގެ ބަދަލުގައި އެތަނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ތަނަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އެފަރާތްތަކުގެ ކިބައިން ރައީސް މައުމޫނު އެދިލައްވާފައިވާ ކަމަށެވެ.
ކޯލިޝަނެއްގައި މަސައްކަތް ކުރާތީ އެގާރަ ދާއިރާއަކަށް އެމްއާރުއެމްގެ ފަރާތުން ކުރި މަތި ނުލާނެ ކަން ފާހަގަކުރައްވާ އަޒްމީލް ވިދާޅުވީ، އެހެން ދާއިރާތަކަށް އެމްއާރުއެމްގެ ފަރާތުން ވާދަކުރައްވަން ޝައުގުވެރިކަން ހުރިނަމަ އަދިވެސް އެފުރުސަތު އެބައޮތް ކަމަށެވެ. އަދި އެމްއާރުއެމުން ދާއިރާތަކަށް ޓިކެޓު ދޭނީ އެމީހެއްގެ ގާބިލުކަމަށް ބެލުމަށް ފަހުގައި ކަމަށް ތަޒްމީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ