ފާޑުކިޔުންތައް އަމާޒުވުމުން މައުމޫން ޓްވީޓް ޑިލީޓް ކޮށްލައިފި

ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެޓްވީޓް ޑިލިޓް ކޮށްލައިފިއެވެ.
ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ސިއްރު ހެކީންތަކެއް ހުށަހެޅުމަށް ނިންމުމުން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށާއި ކީރިތި ގުރުއާނުގައި ވެސް ރަސޫލާގެ ސުންނަތުގައި ވެސް އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައި ވެސް ސިއްރު ހެކި ބަހުގެ ވާހަކައެއް ނެތް ކަމަށެވެ.
ރައީސް މައުމޫންގެ ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ ރައީސް މައުމޫނަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ރައީސް މައުމޫންގެ އަނބިކަނބަލުންނާއި ދަރިކަނބަލުންތައް ބުރުގާ ނާޅަނީ އިސްލާމްދީނުގައި އައުރަ ނިވާކުރުން ނެތުމުން ހެއްޔެވެ؟ ބުރުގާ އެޅުމާއި ބެހޭ ގޮތުން ރައީސް މައުމޫން 2008 ވަނަ އަހަރު ދައްކަވާފައިވާ ވާހަކަތައް ގިނަ ބަޔަކު މިރޭ ގެންދަނީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ސިއްރު ހެކިބަސް ނަގައިގެން ޝަރީޢަތް ހިންގަން ފެށީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށާއި އޭރު އެކަން ނުހުއްޓުވީ ކީއްވެތޯ ވެސް ބައެއް މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ. ރައީސް މައުމޫން ފުރަތަމަ ފަހަރަށް ސިއްރު ހެކިބަސް ދިނުމާއި ދެކޮޅަށް ވާހަކަ ދެއްކެވީ އެމަނިކުފާނު ހައްޔަރު ކުރުމުން ކަމަށާއި ކުރިން އެވާހަކަ ނުދެއްކެވީ ކީއްވެތޯ ވެސް ބައެއް މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ.
ސިއްރު ހެކި ބަސް ކޯޓުތަކުން ނެގުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމް ބަލައިގެންފައިވާ އުސޫލެކެވެ. މީގެ ކުރިން ވެސް އެތައް މައްސަލައެއްގައި ސިއްރު ހެކިންގެ ހެކިބަސް ކޯޓުތަކުން ބަލައިގަނެ، އެހެކިބަސްތަކުގެ މައްޗަށް އެތައް ޙުކުމެއް އިއްވާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ