ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ: މައުމޫން
ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރަން އަދިވެސް މުހިންމު ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ބަޔާނުގަ އެވެ. އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ގިނަ ގުނަ އިމްތިހާނުތަކާ ރާއްޖެ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ގާއިމު ކުރަން ޖެހުނު ސަބަބުތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބުތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 10 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް އެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މިކަންކަމުން ހާމަވެގެންދާ އެއް ކަމަކީ ދިވެހި ޖުމްހުރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް މުހިންމުވެފައި ގިނަ ގުނަ ކަމެވެ." ރައީސް މައުމޫން އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވި އެވެ. އެމަނިކުފާނުު ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި އަނެއްކާވެސް އާދެވިފައި މިވަނީ މުހިންމު ހަތަރު އަނގޮޅިއަކަށް ކަމަށެވެ. އަދި މިހާރު މި އޮތީ ރިޔާސީ ދައުރެއް ނިމި އައު ރިޔާސީ ދައުރެއް ފެށުމުގެ މަރުހަލާގެ ތެރޭގައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. "މި މުހިންމު ދަނޑިވަޅުގައި އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ގައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިހުތިރާމު ކުރާ އަދު އިތުބާރު ކުރާ މުޖުތަމައެއް ގާއިމް ކުރުމާއި، ހައްގުތައް ކަށަވަރު ކޮށްދިނުމާއި، މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނެ އެވެ." މައުމޫން ވިދާޅުވި އެވެ. ބަޔާނުގައި ރައީސް މައުމޫން ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށާއި ދިވެހި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ އާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސައްކަތްތަކުގެ ހަނދާން އާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ