ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ނާއިބު އަބްދުﷲ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށައަޅުއްވައިފި

ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ނާއިބު އަބްދުﷲ އަލީ ދައުލަތާ ދެކޮޅަށް ހުށައަޅުއްވައިފިއެވެ.
އަބްދުﷲ ޓްރައިބިއުނަލަށް ހުށައަޅުއްވާފައިވާ އެ މައްސަލައިގައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނާއިބު ރައީސް އަދި މެމްބަރުކަން އަދާކުރަމުންދަނިކޮށް 2016 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހު އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް އަންގާފައިވާތީ އެވެ. އެއީ ވަޒީފާއާ ބެހޭ ގާނޫނުގެ 86 ވަނަ މާއްދާގެ (އ) ގެ ދަށުން ކަމަށް ވާތީ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ވަނީ ހުށަހަޅުއްވާފައެވެ.
އަބްދުﷲ އަލީ ހުށައަޅުއްވާފައިވާ މައްސަލައިގައި އެދިވަޑައިގެންފައި ވަނީ ޓްރައިބިއުނަލްގެ މެމްބަރެއްގެ މުއްދަތަކީ ފަސް އަހަރަށް ވުމާ އެކު ވަޒީފާ އިން ވަކިކޮށްފައިވާ މުއްދަތަށް ވާ ފައިސާ ހޯދުމަށެވެ. އަބްދުﷲ އަލީ ވަކިކޮށްފައިވާ ތާރީޚުން ފެށިގެން 5 އަހަރު ވާން ބާކީ އޮތީ ދެ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެ ދުވަސްތަކަށްވާ ފައިސާގެ އަދަދަކީ 837،360/80 (އަށްލައްކަ ތިރީސް ހަތްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ އަށްޑިހަ ލާރި) އެވެ. އެ ފައިސާ އެއްފަހަރާ ލިބެންޖެހޭ ކަމަށް މައްސަލައިގައި ވަނީ ފާހަގަކުރައްވާފައެވެ.
އަބްދުﷲ އަލީ ވިދާޅުވީ ރައީސް އޮފީހުގެ މުއައްޒަފަކު ފޯނުން ގުޅައި ރައީސް އަބްދުﷲ ޔާމީން އޭނާ ވަކިކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށާއި ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން އެ ދުވަހު ދޭނެ ކަމަށް ބުނި ކަމަށެވެ. އޭނާއަކީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލްއާ އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅެކެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނާއިބު ރައީސް ކަން ކުރުމުގެ އިތުރަށް އަބްދުﷲ އަލީ ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ޑިރެކްޓަރެއްގެ ގޮތުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ.
އަބްދުﷲ އަލީއަކީ މާސްޓާސް އޮފް ކޮމްޕެރޭޓިވް ލޯ ހައްދަވާފައިވާ ގާނޫނީ ދާއިރާގެ ބޭފުޅެކެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ