އެމްޑީޕީގެ މެމްބަރު އާޒިމް، ޕީޕީއެމް މެމްބަރެއްގެ އަނގަމަތި ފަޅާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހިންގި ހަމަނުޖެހުމެއްގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސެއިން މުހައްމަދު ލަތީފަށް ޙަމަލާދީފިއެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ޢަންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އަލީ އާޒިމް، މެމްބަރު ހުސައިންގެ އަނގަމަތީގައި އަތުން ޖަހާ މަންޒަރެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގެ ސަބަބުން ހުސައިންގެ އަނގަމަތި ވަނީ ފަޅައިގެންގޮސްފައެވެ.
މިއަދުގެ ހަމަނނުޖެހުންތަކުގެ ތެރެއިން އާޒިމް ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާޙުއަށްވެސް ޙަމަލާދީފައެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ފޭސްބުކުގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ފަލާހުގެ އަތުގައި އާޒިމް ކޮނޑުން ދެފަހަރެއްގެ މަތިން ޖަހާ މަންޒަރެވެ.
އަދި އެއަށްފަހު އެކަން ހުއްޓާލުމަށް ބައެއް މެމްބަރުން އެދުމުން އެމެމްބަރުންނާއި ދިމާލަށް އިނގިލިން އިޝާރާތްކޮށް، ހުތުރުބަސްތައް ގޮވައި އޭނާ ވާހަކަ ދައްކާފައިވާއިރު، އިދިކޮޅު މެމްބަރުން ވަނީ އެތަނުން އޭނާ ދުރުކޮށްފައެވެ.
މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ސިލްސިލާގޮތެއްގައި ކުރަމުންދާ މަސައްކަތުގެދަށުން، މިއަދުވެސް ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި މެމްބަރުންގެމެދުގައި ބަހުގެ ހޫނުޙަމަލާތައް ރައްދުކޮށްފައިވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމުގެ ގޮތުން މީގެ ކުރީން އިދިކޮޅު ފަރާތްތަކުން ވަނީ މަގުތކަށް ނިކުމެވެސް ހަމަނުޖެހުން ހިންގާން މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން އެފަރާތްތަކުން މިހާރު ވަނީ މަޖިލީހުގެ އިދާރާގެ ތެރޭގައި އެމަސައްކަތް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ