ދަރިވަރުންނަށް ހޯދާ ޓެބްލެޓް ހޯދުމުގައި ކޮރަޕްޝަނެއް ނުހިމެނޭ – އޭސީސީ

ރާއްޖޭގެ ތަޢްލީމީ ނިޒާމަށް އިންގިލާބެއް ގެނެސް މި އަހަރުގެ ދެވަނަ ސިމެސްޓަރ ގައި ރާއްޖޭގެ ހުރިހާ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓް ހޯދުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އިއުލާން ކޮށްގެން ކަމަށް ނުވިޔަސް، އެ ކަންކަން ކުރިއަށް ގެންދިޔައީ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ކުރިއަށް ގެންދިއުމުގައި އަމަލު ކުރަންޖެހޭ ގޮތް ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ގޮތަށްކަމަށް ނިންމާ މި މައްސަލަ އޭސީސީއިން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މަޝްރޫއުގެ ދަށުން ޓެބްލެޓް ހޯދުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ވަޒީރުން ބައިވެރިވެގެން މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭސީސީގެ ނިންމުމުގައިވެ އެވެ. އަދި އެ ކައުންސިލްގެ ބައްދަލުވުމުގައި އެ މަޝްރޫއުގެ ދަށުން ޓެބްލެޓް ހޯދުމުގައި ދައުލަތަށް ޚަރަދު ކުޑަވާނެ ގޮތަށް އެ ކައުންސިލުން އަމަލު ކޮށްފައިވާ ކަމަށް ވެސް އެ ނިންމުމުގައިވަނީ ބުނެފައެވެ.
ބޭރު ގައުމެއްގެ އެހީގައި ނުވަތަ ލޯނު އެހީގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއުތައް ހިންގުމުގައި ބިޑް ކުރުމެއް ނެތި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލު ކުރެވިދާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ވެއެވެ. މިދިޔަ އަހަރު އަމަލުކުރަން ފެށި މާލިއްޔަތު ގަވާއިދު ބުނާ ގޮތުން އެގޮތަށް މަޝްރޫއު ހަވާލު ކުރެވޭ ފަރާތަކީ އެކަމަށް އެކަށީގެންވާ ފަރާތެއް ކަން ކަށަވަރު ކުރަންޖެހޭނެއެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި 154 މިލިއަން ރުފިޔާ ހިމަނައިގެން ސަރުކާރުން ވަނީ 70،000 ޓެބްލެޓް ހޯދަން ނިންމައި، އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ