ލިޔުންތެރިޔާ އަދި ޓީވީ ޕްރެޒެންޓަރ އަހުމަދު ޝިޔާމްގެ 30 ކުރުވާހަކަ އެކުލެވޭ ފޮތެއް ނެރެފިއެވެ.
"އަހުމަދު ޝިޔާމްގެ ތިރީސް ކުރުވާހަކަ" މި ނަމުގައި ނެރުނު ފޮތުގައި ހުރީ ދިވެހި އާދަކާދަ އާއި ދިރިއުޅުމާ ގުޅުވައިގެން، 2021 ވަނަ އަހަރުގެ ރަމަޟާން މަހު އޮންލައިން ނޫހަކަށް އޭނާ ލިޔުއްވި ވާހަކަތަކެކެވެ.
ޝިޔާމަކީ މީގެ 35 އަހަރު ކުރިން، ނޫސްވެރިކަމުގެ ތެރެއިން ލިޔުންތެރިކަމުގެ ތެރެއަށް ވަދެވަޑައިގަތް ބޭފުޅެކެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފެށްޓެވީ، "ހަވީރު" ނޫހަށެވެ. އޭގެ ފަހުން، "އާފަތިސް" އަށާއި "ފުރަދާނަ" ނޫހަށް ވެސް ލިޔުއްވިއެވެ. އަދި "ފިޔެސް" މަޖައްލާގެ އެޑިޓަރު ކަމާއި މަސްއޫލުވެރިކަން ވެސް ކުރެއްވިއެވެ.
މިހާރު ލިޔުއްވަނީ ލިޔުންތެރިންގެ ގުޅުމުގެ އޮންލައިން އަށެވެ. ލިޔުމުގެ އިތުރުން ޕްރެޒެންޓްކުރުމަކީ އޭނާގެ ހުނަރުތަކެވެ.
އޭނާއަކީ ވީޓީވީން ގެނެސްދޭ "ހަނދާނުން ތަންކޮޅެއް" ޕްރޮގުރާމް ހުށައަޅައިދޭ ޕްރެޒެންޓަރ ވެސް މެއެވެ.
ޝިޔާމްގެ ކުރު ވާހަކަ ފޮތުގައި އެކި އިހުސާސްތަކުގެ ވާހަކަތައް ހިމަނާފައިވެއެވެ. އެގޮތުން އިޝްގީ ލޯތްބާއި، އާއިލީ ދިރިއުޅުމުގެ މިސާލުތަކުން ވެސް ވާހަކަތައް ގެނެސްދީފައިވެއެވެ. އެކި މީހުން ލޯބީގައި ކޮށްފައިވާ ތަޖުރިބާތަކާއި ރަށްރަށުން މާލެ އައިސް ދިރިއުޅުމާ ހަނގުރާމަކުރަމުންދާ އާއިލާތަކުގެ ވޭނާއި އުދާސްތައްވެސް ގެނެސްދީފައިވެއެވެ.
މި ފޮތް މިހާރު، އަސްރަފީ އަދި ނޮވެލްޓީ ބުކްޝޮޕުން ގަންނަން ލިބެން ހުންނާނެ އެވެ. ފޮތެއްގެ އަގަކީ 100 ރުފިޔާއެވެ.
"އަހުމަދު ޝިޔާމްގެ 30 ކުރުވާހަކަ" ފޮތް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ