މޫސުން ބޮޑަށް ގޯސް ވާނީ މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް: މެޓް

މޫސުން އެންމެ ބޮޑަށް ގޯސް ވާނީ މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މިއަދުގެ 14:30އާ ހަމައަށް ބ. އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް ދެކުނުގެ ބައެއް އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް އެ އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އެހެންނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 8 ފޫޓު ހުންނާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި 2 ފޫޓާއި 4 ފޫޓު ހުންނާނެކަމަށް އެ އޮފީހުން ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ