ހުޅުމާލެ އަށް ކަރަންޓު ދޭ އިންޖީނެއްގައި ރޯކޮށްލައިފި

ސްޓެލްކޯއިން ހުޅުމާލެއަށް ކަރަންޓު ދެމުން ގެންދާ އިންޖީނަކަށް ޕެޓްރޯލް ޖަހައި، ރޯކޮށްލައިފިއެވެ.
ރޭ ހިނގި މި ހާދިސާގެ ސަބަބުން އެ އިންޖީނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:35 ހާއިރުއެވެ.
ޕެޓްރޯލް ފުޅި އެއްލައިލާފައިވަނީ މަގުމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ޖާލި ދޮރުފަތެއް މަތާލައިގެންނެވެ. އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވެ، އެ އިންޖީނު ގޭގައި ތިބި މުވައްޒަފުން ވަނީ ހުޅުގަނޑު ނިއްވާލާފައެވެ.
ސެޓްލްކޯއިން ބުނެފައިވަނީ އިންޖީނު ހަލާކުވެފައިވުމުން މިއަދު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށާއި މިހާރު ވެސް ސިނާއީ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.
ރޭ ރޯކޮށްލި އިންޖީނަކީ ހުޅުމާލޭ އިންޖީނުގެއަށް ފަހުން އިތުރު ކުރި ބައިގައި ބެހެއްޓި އެއް މެގަވޮޓްގެ އިންޖީނެކެވެ. މި އިންޖީނު ބަހައްޓައި ކަރަންޓު ދޭން ފެށިތާ އަދިވީ ހަ އެއްކަ މެހެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ