ހާރިޖީ ދާއިރާގެ ކަންކަން ކުރިއަށް ދާ ގޮތް ފެންނާތީ ވަރަށް ކަންބޮޑުވޭ: ދުންޏާ

ހާރިޖީ ދާއިރާގެ ކަންކަން ކުރިއަށް ދާ ގޮތް ފެންނާތީ ވަރަށް ކަންބޮޑުވާ ކަމަށް ދުންޏާ މައުމޫނު ވިދާޅުވެއްޖެއެވެ.
ލީކުވެފައިވާ އުތުރު ތިލަފަޅުގެ އެގްރީމަންޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދުންޏާ މައުމޫނު ވިދާޅުވީ، މި އެގްރީމަންޓާ ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށާއި ސިޔާސީ ލެވެލްގައި ކަންކަން ގެންގޮސްފައި އޮވެދާނެ ގޮތުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި ސިފައިންނަކީ މީގެ ކުރިން ދިވެހިން ފަހުރުވެރިވާ އެތައް ކަމެއް ކޮށްފައިވާ ބަޔަކު ތިބި މުއައްސަސާއެއް ނަމަވެސް ލީކުވި އެގްރީމަންޓް ފެނުމުން ކަންތައްތަކެއް އޮޅުލާފައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ދުންޏާ ވިދާޅުވިއެވެ.
ގައުމެއްގެ ޓެރަޓަރީގެ ބައެއް އެހެން ބަޔަކަށް ހަވާލުކުރާއިރު މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށްވާއިރު އިންޑިއާ އަކީ ވަރަށް ގިނަ ގުޅުންތަކެއް އޮތް ގާތް ގައުމެއް ނަމަވެސް އޭގެ މާނައަކީ މިލިޓަރީގެ ކޮންޓްރޯލް އެގައުމަށް ދިނުމެއް ނޫން ކަމަށް ދުންޏާ ވިދާޅުވިއެވެ.
އިގްތިސާދީ ވަރަށް ދަތި ދުވަސްތަކެއްގެ ތެރޭގައި ދިވެހިން އުޅޭއިރު ބޭރުގެ ގައުމެއް ނުފޫޒު ފޯރުވަން މަސައްކަތް ކުރިއަށް ދިވެހިންގެ މިނިވަންކަން ހިފެހެއްޓޭނީ ވަކި މިންގަނޑެއްގައި ގައުމުތަކުގައި ގުޅުން ގާއިމުކޮށްގެން ކަމަށް ދުންޏާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ