އާ ސިޔާސީ ޕާޓީ ހަދަން އެއްބަސް ވެވުނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި އެ ނޫން އެއްވެސް ގޮތެއް ނެތި، އެކަމުގެ ވަގުތު އައިސް ޖެހުމުން ކަމަށް ޒެޑްފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑީއާރްޕީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން، އާ ސިޔާސީ ޕާޓީއެއް ހެއްދެވުމާ ގުޅޭ ގޮތުން ޒެޑްފެކްޝަނާއި އެ ފެކްޝަނާ ގުޅިފައިވާ އިދިކޮޅު ޕާލަމެންޓް މެންބަރުންނާއި ޕާޓީތަކުގެ އިސް ވެރިން މިރޭ ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ މިރޭ އޮތީ އާ ސިޔާސީ ޕާޓީއެއް ހެދުމަށް ކުރާ މަޝްވަރާތަކުގެ އެންމެ ފަހަތު ބަރީގެ ބޮޅެއްގެ ޖަލްސާ ކަމަށެވެ.
ޒެޑްފެކްޝަނަށް ނިސްބަތްވާ ޕާލަމެންޓްގެ ހުރިހާ ބޭފުޅުންނާއި އިސްކޮށް މަސައްކަތް ކުރައްވާ ފަރާތަކާއި ޕީއޭއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުންނާއި އިސް ވެރިންނާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އަދި ފަގީރުކަން ނައްތާލާ ޕާޓީގެ އިސް ބޭފުޅުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުން ހިންގަމުން ދިޔައިރު ޒެޑްފެކްޝަންގެ އޮފީސް ހިންގާ އިމާރާތުގެ ބޭރުގައި ނޫސްވެރިންނާއި އާންމުން ޖަމާވެފައި އޮތެވެ.
މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ގައުމީ މަސްލަހަތު ހިމާޔާތް ކުރުމުގައި އެނޫން ގޮތެއް ނެތުމުން ކަމަށް ވިދާޅުވާ ވިދާޅުވުން ތަފުސީލު ކޮށްދެއްވަމުން އުމަރު ވިދާޅުވީ ޑީއާރްޕީ ތެރެއިންނާއި އެކި ގޮތްގޮތުން ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ޑީއާރްޕީގެ ލީޑަ ޝިޕްގައި މިހާރު ހުންނެވި އަހުމަދު ތަސްމީން އަލީ ރައީސް ނަޝީދާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާކަން ދަނީ ހާމަވަމުން އެނގެމުން ކަމަށެވެ.
"އެ މައްސަކަތުގައި ބައެއް ބޭފުޅުން އެ މަނިކުފާނަށް އެއްބާރުލުން ދޭކަން ވެސް އަޅުގަނޑުމެނަށް އެނގޭ. މަޖިލިސްގެ މުހިންމު ވޯޓުތަކުގައި އޮޅިގެން ކާޑު ނުޖެހޭ ބޭފުޅުންނާ ބަލިވެގެން ވަޑައި ނުގެންނެވޭ ބޭފުޅުންނާއި މިކަހަލަ ބޭބޭފުޅުންގެ ސަބަބުން މުހިންމު ވޯޓުތައް އަޅުގަނޑުމެނަށް ގެއްލެމުންދާކަން ވެސް އެނގެމުން އެބަދޭ. އެހެންވީ ގައުމީ މަސްލަހަތު ހިޔާމާތްތެއް ނުކުރެވޭ. އެ ހުރިހާ މަސައްކަތެއްގެ ތެރޭގައި ވަރަށް ގިނަ ދުވަހު އުޅެވިފައި ވަނީ. މިރޭ މީ އަޅުގަނޑުމެނާ ގުޅިފައިވާ ހުރިހާ ޕާޓީތަކާއި ބޭފުޅުންގެ ހިޔާލު އެއްގޮތް ކުރެވުނު ރޭ މިރޭ އަޅުގަނޑުމެން އެންމެން އެއްވެސް ޝައްކެއް ނެތި މި ތިބީ ގަބޫލުކޮށްގެން ދެން އާ ސިޔާސީ ޕާޓީއެއް ހެދުން ނޫން ގޮތެއް ނެތް ކަމަށް،"
އުމަރު ވިދާޅުވީ މިރޭ އޮތް މަޝްވަރާތަކުގައި އާ ސިޔާސީ ޕާޓީއެ ހެދުމާ ބެހޭ ގޮތުން ވަރަށް ދިގުކޮށް މަޝްވަރާތައްކޮށް ނިމުނު އިރު ހުރިހާ ބައިވެރިން ވެސް އެއްބަސްވެފައި ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ނޫން އެހެން އެއްވެސް ގޮތެއް ގައުމީ މަސްލަތު ހިމާޔަތް ކުރުމަށް ދެން ނެތް ކަމަށާއި އެކަމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި އާ ސިޔާސީ ޕާޓީއާ ބެހޭ ގޮތުން ރައީސް މައުމޫނު ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ޕާޓީގެ ތެރެއިން މަސައްކަތް ކޮށްގެން ގައުމީ މަސްލަހަތު ހިމާޔަތް ކުރެވޭތޯ ވަރަށް ގިނަ މަސައްކަތްތައް ކުރެވި، އެކަން ނާކާމިޔާބު ވުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ގައުމީ މަސްލަތު ހިމާޔަތް ކުރެވޭނެ ދެން އޮތް ހަމައެކަނި ގޮތަކީ އާ ސިޔާސީ ޕާޓީއެއް އުފެއްދުންކަން މިރޭ ހުރިހާ ބައިވެރިން ވަނީ އެއްބަސްވެފައި އަދި އެ ގޮތަށް މަސައްކަތް ކުރަން މިހާރު ވަނީ އަޒުމު ކަނޑައަޅާފައި. މިކަމާ ބެހޭ ގޮތުން ރައީސް މައުމޫނު ވިދާޅުވާ އެއްޗެއް ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އެ މަނިކުފާނު މިޑިޔާއަށް ހާމަ ކުރައްވާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅު މައުމޫނު އުފައްދަވާ އާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމަކާއި ޕާޓީ ލީޑް ކުރައްވާނެ ބޭފުޅަކާ ބެހޭ ގޮތުން އަދި މަޝްވަރާކޮށް ގޮތެއް ނިންމާފައި ނުވާ ކަމަށާއި މިހާތަނަށް މަޝްވަރާކޮށްގެން ނިންމުމީ އާ ޕާޓީ އުފެއްދަން ކަމަށެވެ. އަދި އެކަމަށް އެންމެނަށް ވެސް އެއްބަސްވެވިފައިވާ ކަމަށެވެ.
" އެކިއެކި ބޭބޭފުޅުންގެ ތަފާތު ހިޔާލުތައް ސީދާ ކުރުން އޮތީ. ދެ ގަޑިއިރު މަސައްކަތުން މިހާރު ވަނީ ހުރިހާ ބޭފުޅުންގެ ހިޔާލު އެއްގޮތްވެފައި ހުރިހާ ބޭފުޅުންނަށް ވެސް ފެނިވަޑައިގަތީ އާ ސިޔާސީ ޕާޓީއެއް އުފައްދަން. ރައީސް މައުމޫން ވެސް ގަބޫލުފުޅު ކުރައްވާ ދެން ޕާޓީއެއް އުފައްދައިގެން ނޫނީ ގައުމީ މަސްލަހަތު ހިމާޔަތް ނުކުރެއްވޭނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކުރީގެ މަޝްވަރާތަކުގައި އާ ސިޔާސީ ޕާޓީއެއް ހެދުމާމެދު އޭނާގެ ފިކުރު ތަފާތުވި ނަމަވެސް މި ރޭގެ ބައްދަލުވުމުގައި އުމަރުގެ ހިޔާލު ވެސް އެއްގޮތްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އާ ޕާޓީއެއް ހެދުމަށް އޭނާގެ ހިޔާލު ކުރިން ތަފާތުވި ނަމަވެސް އޭރު އޭނާ ފާހަގަ ކުރެވި ނުކުތާތަކަށް މިހާރު ހައްލު ގެނެވިފައިވާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވެވި ނުކުތަކަކީ ވަރަށް މުހިންމު ނުކުތާތަކެއް ކަމަށް ބައިވެރިން ގަބޫލުފުޅު ކުރެއްވެވި ކަމަށެވެ.
އާ ސިޔާސީ ޕާޓީ އުފައްދާއިރު ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް ސިސްޓަމްތައް ގާއިމު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަދި ވަރަށް ގިނަ ބޭބޭފުޅުން މިރޭ ވާހަކަފުޅު ދެއްކެވި ކަމަށާއި ކުރީގެ ތަޖުރިބާތަކުގެ ވާހަކަ ވެސް ދެއްކެވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް ޔަގީން ވަރަށް ގިނަ ތަޖުރިބާތަކެއްގެ އަލީގައި އާ ސިޔާސީ ޕާޓީ އުފަން ކުރުވަން އެންމެނަށް މި ފެނުނީ. އެގޮތަށް ޕާޓީ އުފަން ކުރާއިރު މި ޕާޓީގެ ތެރޭގައި ހުރިހާ ހަރުގަނޑެއް ހުންނާނީ ލެއްގިފައި ކޮންމެ މީހަކަށް ވެސް ހަރުގަނޑުތަކުން އެރޭނެ އެމީހެއްގެ ގާބިލު ކަމާއެކު މައްޗަށް. މި ޕާޓީ ނުވާނެ ތަސްމީން ގެންގުޅުވާ ކަހަލަ ތަސްމީން ލީޑަރަކަށް، ކައުންސިލުގައި ތަސްމީންގެ އާއިލާގެ ހަތަރު ބޭފުޅުން، އެކުގައި ވިޔަފާރި ކުރައްވާ ބޭފުޅުން، އެގޮތަށް އޮންނަ ކައުންސިލަކަށް. މިޕާޓީ ވާނީ ހުރިހާ ތަޖުކުރިބާތަކެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި މިހާތަނަށް އުފެދޭ އެންމެ ޑިމޮކްރެޓިކް ޕާޓީއަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އާ ސިޔާސީ ޕާޓީ އުފެދިގެން އަންނާނީ ބްރޯޑް ކޯލިޝަނަކާ އެކުގައި ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބްރޯޑް ކޯލިޝަނެއް ބޭނުންވާ ކަމަށެވެ. އެ ޕާޓީގެ މަސައްކަތް އޮތީ އެކަނި ގެންދާ ގޮތަށް ނޫން ކަމަށާއި ވަރަށް ގިނަ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރުތައް ހިމަނައި ވަރަށް ޔަގީންކަމާއެކު މަސައްކަތް ކުރާނެ ކަމަށް ވިދާޅިވި އެވެ.
"އުންމީދަކީ 2013 ގައި ވަރަށް ބްރޯޑް ކޯލިޝަނެއްގެ ތެރެއިން އަޅުގަނޑުމެން ވެރިކަން ހާސިލު ކުރުން" އުމަރު ވިދާޅުވި އެވެ. "ހަގީގަތުގައި އަޅުގަނޑުމެން ހަދާ ކޯލިޝަނެއް ފޭލު ނުވާނެ އެއް ސަބަބަކީ ކުރީގެ ކޯލިޝަން ފޭލްވެފައި އޮތުން އޭގެ ތަޖުރިބާގެ އަލީގައި ދެން އުފެދޭ ކޯލިޝަނެއް އަންނާނީ ވެސް ބޭފުޅުން ބައިވެރިވެވަޑައިގަންނާނީ ވެސް. ބްރޯޑާ ކޯލިޝަން ވަނީ އިތުބާރު ކުރެވޭ އެއްބަސްވާ ގޮތުގެ މައްޗަށް އަމަލު ކުރެވޭ ކޯލިޝަނަކަށް އަމަލު ނުކުރެވިއްޖެއްޔާ ދެން ހަދާނެ ގޮތެއް ވެސް އޮންނަ ކޯލިޝަނަކަށް."
އުމަރު ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް ހަދަން ނިންމުމާއެކު މިހާރު ގަސްދުކޮށްފައި ވަނީ ޑީއާރްޕީގެ ލޯގޯއާއި ބެނާ ދެން ބޭނުން ނުކުރުމަށް ކަމަށެވެ.
"މިރޭވެސް އަޅުގަނޑުމެން މިތިބީ އެބެނާ ދޫކޮށް އެއް ފަރާތަށް ޖެހިލައިގެން،"
މައުމޫން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ރަސްމީކޮށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ