އެއާޕޯޓްގެ ބޮޑުބަޔަކުން ކަރަންޓް ކަނޑާލައިފި

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ބޮޑުބަޔަކުން ކަރަންޓް ކަނޑާލައިފިއެވެ.
ވަގުތަށް އެނގިފައިވާ ގޮތުގައި މިވަގުތު ކަރަންޓް ލިބެނީ ހަމައެކަނި އިންޓަރނޭޝަނަލް ޓަރމިނަލްއަށެވެ. އެނޫން ތަންތަނުން ކަރަންޓް ކަނޑާލާފައިވަނީ މަސައްކަތެއް ކުރުމުގެ ގޮތުންކަމަށް ވަނީ އެނގިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓް ކަނޑާފައިވަނީ ކުރިން ނޯޓިސް ދިނުމާއެކު، ވައިގެ ދަތުރުފަތުރަށާއި، އެއާޕޯޓްގެ ޚިދުމަތްތަކަށް ދަތިނުވާނެ ގޮތް ބަލައިގެންނެވެ.
ކަރަންޓް އަނބުރާ ލިބޭނީ މިރޭ 3:30 ހާއިރުކަމަށް ނުރަސްމީ ބައެއް ފަރާތްތަކުން މައުލޫމާތުދެއެވެ.
އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ މައި އެއާޕޯޓަށް ވާއިރު، ބޭރުގެ ދަތުރުފަތުރުގެ ހުރިހާ ކަމެއްހެން ހިނގަނީ އެ އެއާޕޯޓް މެދުވެރިކޮށެވެ. މިއަހަރުގެ އެޕްރީލް މަހު ވަނީ އެ އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ދިވެހިންގެ ބޭނުންތަކާ އެއްވަރަށް ޚިދުމަތް ދިނުމުގައި އެ އެއާޕޯޓް ނުފުދޭ ވާހަކައަކީ ވެސް އާންމު ވާހަކައެކެވެ. އަދި އެ އެއާޕޯޓް ތަރައްޤީ ކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ހޫނު ވާހަކައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ