ބައްޕަގެ ހަނދާނުގައި ސިޔާމް ބިނާކުރީ 'އާދަޔާހިލާފު ރީތި' މިސްކިތެއް

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި މިސްކިތް މިއަދު ހުޅުއްވައިދެއްވައިފި އެވެ. މިސްކިތް ދުށް ގިނަ މީހުންގެ ނަޒަރުގައި އެއީ، އެއީ މަދުން ނޫނީ ނުފެންނަ، އާދަޔާހިލާފު ރީތި މިސްކިތެކެވެ.
"ވަރަށް ހިތްގައިމު މިސްކިތެއް. މިއީ ހަމަ ސަގާފަތަށް ލިބުނު ދިރުމެއް،" މިއަދު ހަވީރު އޮތް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވިދާޅުވި އެވެ.
މަސްޖިދު އަލް މުހައްމަދު ގާސިމްގެ ނަމުގައި ހުޅުވި މި މިސްކިތް ތަފާތުވަނީ، އެންމެ އިހުގެ ފަންނުވެރިކަން އެތަނުން ފެންނާތީ އެވެ. މިސްކިތުގެ ފާރުތަކުން ފެންނަނީ، ކުރީގައި ހިރިގަލުގައި ހުންނަ ޑިޒައިންތަކެވެ. ގުއްބެއްގެ ބަދަލުގައި ހުރީ މުންނާރެކެވެ. މުންނާރުގެ އެތެރޭގައި ހުރީ ވުލޫ ކުރެވޭ ގޮތަށެވެ. ލަކުޑީގެ ވަޑާމާއި ފުރާޅުން ވެސް ވެސް ހަމަ އިހުގެ ހުނަރުވެރިކަން ފެނެ އެވެ. މިސްކިތުގެ ހުރިހާ ޑިޒައިނެއް ވެސް ހުރީ އަތުން ކަނޑާ ނަގާފަ އެވެ. 
މައުރޫފް ވިދާޅުވީ ރާއްޖޭގައި ހިރިގަލުގެ މިސްކިތްތައް ނުފެންނަ ޒަމާނެއްގައި، މި ފަދަ ޑިޒައިންތައް ބޭނުންކޮށްގެން ތަން ރީތިކުރުމަކީ ސަގާފީ ފަރުމާތަކާއި އާމިޓެކްޗާއަށް ވެސް ލިބުނު ދިރުމެއް ކަމަށެވެ.
"މިތަނުން ފެންނަނީ ގޯލްޑެން ގްލޯބެއް ނުލާ ވެސް ރީތިކަން ގެނެވިދާނެކަން،" ކުޅަދާނަ އާކިޓެކްޓް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް ވެސް ވިދާޅުވީ، އެތަން ބިނާކުރުމުގައި އެންމެ އިހުގައި މިސްކިތްތައް ހަދާފައި ހުންނަ ގޮތާ ވައްތަރުކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އެތަން ހެދީ، ކުރީގެ އެ ހުނަރުވެރިކަން ހޯދައި ބަލައި ދިރާސާކޮށްގެން ކަމަށް ވިދާޅުވި އެވެ.
އެތަނަށް ދިޔަ ބައެއް މީހުން ބުނިގޮތުގައި މިހާރު އަޅާ މިސްކިތްތަކުން އާއްމުކޮށް ދިވެހިވަންތަކަމެއް ނުފެނެ އެވެ. އެހެންވެ، ބައްޕަގެ ހަނދާނުގައި ސިޔާމް އެޅުއްވި މި މިސްކިތް، ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށް އެ މީހުން ބުނެ އެވެ.
"އިހުގެ އާކިޓެކްޗާ ބޭނުންކޮށްގެން މިހާ ފުރިހަމަ މިސްކިތެއް އަދި ނުފެނޭ. މިތަން ވާނެ، ރާއްޖޭގެ އެންމެ ބޮޑު އެއް އެޓްރެކްޝަނަށް،" ތާރީހު ދިރާސާ ކުރުމަށް ޝައުގު ހުންނަ ޝައްމޫން ޖަލީލް ބުންޏެވެ.
މިއީ މާބޮޑު މިސްކިތެއް ނޫނެވެ. ތަން ބޮޑަށް ހާއްސަކޮށްފައިވަނީ ރަށަށް އަރާ ފައިބާ ދަތުރުވެރިންނަށެވެ.
ސިޔާމް މިއަދު ވަނީ ނ. ކެނދިކުޅުދޫގައި ވެސް މިސްކިތެއް ހުޅުއްވައިދެއްވާފަ އެވެ. މީގެ ކުރިން އޭނާ ވަނީ ކުޑަފަރީގައި، މަންމަގެ ހަނދާނުގައި ވެސް މިސްކިތެއް އަޅުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ