ޕީޕީއެމްގެ މުސްތަޝާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބެއްލުމުގެ ދަށުން، ރޭ ބޭއްވި ކައުންސިލް ބައްދަލުވުން ސައްހަ ނުވާނެ ކަމަށް، ރައީސް މައުމޫންގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް އެކަން އަންގައިފިއެވެ.
ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ރޭ ބޭއްވެވީ، ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމަކާއި ގުޅިގެންނެވެ.
ނަމަވެސް ރައީސް މައުމޫންގެ ފަރާތުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ކަމަށް ހަމަޖެއްސި، އަބްދުލް އަލީމް ސޮއިކުރައްވައި އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ވަނީ، ކޮންމެވެސް ފަރާތަކުން ދައުވަތު ދެއްވައިގެން ކަމަށްބުނެ، ރޭ ދަރުބާރުގޭގައި ބޭއްވިކަމަށްބުނާ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށެވެ.
"މިހެން މި ދެންނެވީ ޕީޕީއެމްގެ ކައުންސިލްގެ ހިންގާ ގަވާއިދުގެ 8 ވަނަ މާއްދާ ބުނާގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދެއްވުމުގެ އިހުތިޔާރު އޮންނަނީ ހަމަ އެކަނި ޕާޓީގެ ރައީސަށް ކަމަށްވެފައި، ރޭ ދަރުބާރުގޭގައި އޮތް ބައްދަލުވުމަށް ދައުވަތު ދެއްވާފައިވަނީ އެހެން ފަރާތަކުން ކަމުގައި ވާތީ އެވެ. ވީމާ ރޭގެ އެ ބައްދަލުވުމުގައި ނިންމި ހުރިހާ ކަންތައް ތަކެއްވާނީ ބާތިލް ކަންތައްތަކަށެވެ" އެ ސިޓީގައި ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ވަނީ، އެ ޕާޓީއަށް ސެކެޓްރީ ޖެނެރަލްއެއް އައްޔަންކުރައްވާފައެވެ. އެގޮތުން އެ މަގާމަށް ހަމަޖައްސާފައިވަނީ، ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބުދުﷲ ޚަލީލްއެވެ. އަދި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ އިޤުބާލް އާދަމްއެވެ.
މީގެއިތުރުން، ސިޔާސީ ޕާޓީތަކުގެ މަޝްވާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާން ބޭފުޅުން ވެސް، ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕީޕީއެމްގެ ފަރާތުން މަޝްވަރާގައި ބައިވެރިވާނީ އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންއެވެ.
ރައީސް ޔާމީން ބޭއްވެވި ކައުންސިލް ބައްދަލުވުން ސައްހައެއް ނޫން - މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ