ޕީޕީއެމް ރޫޅި ކުދިކުދި ވެގެން ނުދާނެ، ޕާޓީގެ ދިފާއުގައި ހުންނާނަން - މައުމޫން

ޕީޕީއެމް ރޫޅި ކުދިކުދިވެގެން ނުދާނެކަމަށާއި، ޕާޓީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ހުންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވީ މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމަށްފަހު، މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްއަކީ ރައްޔިތުންގެ ތަރައްގީއަށް އުފެއްދި ޕާޓީއެއް ކަމަށާއި، ނަމަވެސް މިވަގުތަކީ ވަރަށް ހިތާމަވެރި ދަނޑިވަޅެއް ކަމަށެވެ. އަދި މިދަނޑިވަޅުގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެ، ޕާޓީގެ ރައީސާއި ދެކޮޅަށް "ބަޣާވާތް" ކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ، އެހެން ޕާޓީއަކަށް ބަދަލުވުމުގެ ވިސްނުމެތް ނެތްކަމަށް ވިދާޅުވެ، ހުންނަވާނީ ޕީޕީއެމްގައި ކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު ޑީއާރްޕީ އަދި އެހެން ޕާޓީއަކަށްވެސް ނުދާނަން. ހުންނަވާނީ ޕީޕީއެމްގައި. އަޅުގަނޑަކީ ޕީޕީއެމްގެ ރައީސްކަމުގެ މަގާމަށް ފަސް އަހަރަށް އިންތިހާބުކޮށްފައިވާ މީހެއް. ދައުރު ހަމަވާނީ 2018 ގައި" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ގިނަ މެމްބަރުން އިންތިހާބުވެވަޑައިގަތީ ވެސް އެމަނިކުފާނު ކޮށްދެއްވި މަސައްކަތުން ކަމަށެވެ.
"ރައީސް ޔާމީން އާއި މެމްބަރުން ހޮވީ އަޅުގަނޑުގެ ބުރަ މަސައްކަތުން. މިއީ ތާރީހު، މި އޮޅުވައެއް ނުލެވޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ތާއީދުކުރައްވާނަންތޯ ސުވާލުކުރުމުން، ރައީސް މައުމޫން ވިދާޅުވީ "ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެކަން އަންގާފައެއް ނެތް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ