ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން އަމުރު ނެފައިވަނީ މާލެ އަތޮޅު މާފުށީ ކޯޓުގެ ނަމުގައި ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.
ހައިކޯޓުން މިހެން ވިދާޅުވީ ރައީސް ހައްޔަރުކުރަން ކޯޓު އަމުރު ނެރުނު މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން މިރޭ އިއްވެވި ޙުކުމުގައެވެ.
ހައިކޯޓުގެ ޙުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މުހްތާޒް އެހެން ބަޔަކާ ބައިވެރިވެގެން އުފެއްދިކަމަށްބުނެ ހުށަހެޅިފައިވާ ލިޔުމަކީ "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު" ގެ ނަމުގައި އޮތް ކޯޓު އަމުރެއް ކަމާއި، އެއަމުރަށް ބަލާއިރު، އެއަމުރަށް އެދިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންކަމާއި، އެއަމުރަކީ ގ.ދޫވެހި/ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް އޮތް އަމުރެއްކަމަށް އެއަމުރުގައި ބަޔާންކޮށްފައިވާކަމަށެވެ.
ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފަދަ އަމުރަކަށް އެދިފައިނުވާކަމަށާއި އަދި މާލެއަތޮޅުމާފުށީ މެޖިސްޓްރޭޓް ކޯޓުންވެސް އެފަދަ އަމުރެއް ނެރެފައިނުވާ ކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.
އަދި އެއަމުރަކީ ދިވެހިރާއްޖޭގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި އެފަދަ އަމުރު ނެރުމަށް ކަނޑައަޅާފައިވާ އިޖްރާޢަތާއި ޚިލާފަށް ނެރެފައިވާ ޞައްޙަނޫން އަމުރެއްކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮތުމުން މި މައްސަލައާއެކު ހުށަހެޅިފައިވާ "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު" ގެ ނަމުގައި އޮތް ކޯޓު އަމުރަކީ ޤާނޫނާއި ޚިލާފު ބާޠިލް އަމުރެއްކަން އެނގޭކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވަނީ މުހްތާޒްގެ ބަންދުގެ މުއްދަތުގެ މައްސަލައިގައި އިއްވި ޙުކުމުގައި ފާހަގަ ކުރައްވާފައެވެ.
ކޯޓު އަމުރު ނެރުމުގައި މުހްތާޒް އިސްވެ ހަރަކާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން ވެސް ވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް އިއްޔެ ހައިކޯޓުން ވަނީ ހަތް ދުވަސް ދީފައެވެ. މިރޭ މުހްތާޒްގެ ބަންދަށް ހައިކޯޓުން 15 ދުވަސް ދީފައި ވާއިރު މިމައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކުރި ކަމެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.
ރައީސް ހައްޔަރުކުރަން އަމުރު ނެރުނީ މާފުށީ ކޯޓުގެ ނަމުގައި މާމިގިލީ ކޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ