ފުރާނަ ހުރިހާ ހިނދަކު ސުޕްރީމް ކޯޓަކާއި ނުކުޅެވޭނެ - އިމްރާން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިހާރުގެ މަގްސަދަކީ ސްޕްރީމް ކޯޓުގެ ބެންޗް އުވާލުންކަމަށާއި ފުރާނަ ހުރިހާ ހިނދަކު ސުޕްރީމް ކޯޓާއި ނުކުޅެވޭނެ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" މިނަމުގައި ގައުމީ ހަރަކާތުގެ ފަރާތުން ފަށާފައިވާ ހަރަކާތުގެ ދަށުން ރޭ ބޭއްވި "ގައުމީ ފަރިއްކޮޅުގައި" ގައުމީ ހަރަކާތުގެ އިސްކޮށް އުޅުއްވާ އިމްރާން ވިދާޅުވީ ދިވެހި ރާއްޖޭގެ ގެއްލެމުންދާ މިނިވަންކަމާއި އަމާންކަން ސަލާމަތްކުރަން ތިބި ބަޔަކީ ދިވެހިރައްޔިތުން ކަމަށާއި މިއަދު ކަންކަން ވަމުންދާގޮތުން ގޭގައި މަޑުން ތިބެގެން މިކަންތައް ހައްލު ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ރައްޔިތުން ވެސް ތައްޔާރަށް ތިބުމަށާއި ގައުމީ ހަރަކާތުގެ ފަރާތުން ގޮވާލާ ގޮވާލުންތަކަށް އިޖާބަދީ ބުނިތާކަށް އެއްވުމަށް ތައްޔާރަށް ތިބުމަށް ވެސް އިމްރާން ވަނީ ރޭ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ފުރާނަ ހުރިހާ ހިނދަކު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަކާއި ނުކުޅެވޭނެ، މަޖިލީހަކަށް ވެސް ނުކުޅެވޭނެ،" އިމްރާން ވިދާޅުވި އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ވިދާޅުވީ އެމްޑީޕީއަށް މަގުމަތިން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުނުކުރެވުމުގެ ސަބަބުން މިހާރު އެމްޑީޕީގެ މަގްސަދަކީ މަޖިލިސް ތެރެއިން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުން ކަމަށެވެ. ނަމަވެސް އެކަން އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރާއްޖޭގެ ސްޕްރީމް ކޯޓު މިހާރު ވަނީ އެކޯޓަށް ގާނޫނު އަސާސީން ލިބިދޭ ބާރުވެރިކަމުގައި ކުރިއަށް ދާން ފަށާފައިކަމަށާއި މަޖިލީހުން ބޭނުންވަނީ އެކަން ހުއްޓުވަން ކަމަށެވެ.
“ނަމަވެސް ރައްޔިތުން އެފުރުޞަތެއް ނުދޭނެ. ކުޅިބަލަން ރައްޔިތުންނެއް ނުތިބޭނެ. މަޖިލިސްތެރެއަށް ވަދެގަންނަން ޖެހިއްޖެނަމަ ވަދެގަންނާނެ." އޭނާ ވިދާޅުވި އެވެ.
ގައުމީ ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރު އަދި ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ ބެންޗް އުވާލުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުން ތިބީ ސްޕްރީމް ކޯޓު އުވާލަން ފުރުސަތުދޭ ގޮތަށް ނޫން ކަމަށެވެ.
މިޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް އިމްތިޔާޒްގެ ބިލާއި، ސިޔާސީ ޕާޓީތަކުގެ ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައި ވާހަކަދައްކަވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ