މަޖިލީހުގެ އެއްވެސް ކޮމެޓީއަކަށް ފުލުހުންނާއި ސިފައިން ޖަވާބުދާރީއެއް ނުވޭ: އަލީ ވަހީދު

މަޖިލީހުގެ އެއްވެސް ކޮމެޓީއެއްގައި ފުލުހުންނާއި ސިފައިން މިހާރު ޖަވާބުދާރީ ވަމުން ނުދާކަމަށް ޑީއާރުޕީން ބުނެފި އެވެ.އަފްޣާނިސްތާނުގެ ސުލްހައިގެ ވާހަކަތައް ދިވެހި ރާއްޖޭގައި ބާއްވަމުންދާތީ އެކަމާ ގުޅޭ ގޮތުން ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ޓޫފޯވަން [ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ] ގެ ނައިބު މުގައްރިރު އަދި ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ އަފްޣާނިސްތާންގެ ވާހަކަތައް ރާއްޖޭގައި ބޭއްވުން ފަދަ ހާލަތްތައް ކުރިމަތިވުމުން ވެސް ފުލުހުންނާއި ސިފައިން ކޮމެޓީ އަށް ހާޒިރުވެކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެކަމުގައި ސްޕްރީމް ކޯޓުގެ ލަފަޔަކަށް އެދިފައިވާ ކަމަށެވެ.  "ތިޔަ ބޭފުޅުންގެ ސަމާލުކަމަށްޓަކައި ފާހަގަކޮށްލަން މިފަދަ ހާލަތްތަކާ އަޅުގަނޑުމެންނާ ކުރިމަތިވާ ހިނދު މަޖިލީހުގެ އެއްވެސް ކޮމެޓީއެއްގައި ފުލުހުންނާއި ސިފައިން ހާޒިރުވެ ޖަވާބުދާރީ ވަމުންނެއް ވެސް ނުގެންދޭ. މިއީ މިހާރުގެ ހާލަތަކީ،" އަލީ ވަހީދު ވިދާޅުވި އެވެ.  ޓޫފޯވަން ކޮމެޓީ އަށް ފުލުހުންގެ އިސްވެރިން ހާޒިރު ނުވަނީ ކީއްވެތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނޫން ކަމަށެވެ. އެމްއެންޑީއެފުގެ މީޑިއާ ކޯޑިނޭޓާ މޭޖާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެންޑީއެފް އަށް އެއްވެސް ކަމަކަށް އެދިއްޖެ ނަމަ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެކަމެއް ކުރިއަށް ގެންދާނެ ކަމަށެވެ."އަޅުގަނޑަށް މިހާތަނަށް އެނގިފައި އޮތީ ކަމަކަށް ރިކުއެއްސްޓް [އެދިއްޖެ] ނަމަ އެކަމެއްގައި އޮންނަ ގަވާއިދެއްގެ މަތީން އެކަމެއް ކުރިއަށް ގެންދާކަން. ޓެކްނިކަލީ އެއީ ކޮން ކަމެއްކަން ވިދާޅުވެއްޖެ ނަމަ އެ ބޭފުޅަކާ ނުވަތަ އެ ދާއިރާއަކާ އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.ދިވެހި ރާއްޖޭގައި ދޭތެރެ ދޭތެރެއިން ބާއްވަމުން އަންނަ އަފްޣާނިސްތާނުގެ ސުލްހައިގެ ވާހަކަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކާއި ގައުމުތަކުގެ ސުލްހައިގެ ވާހަކަތައް ދިވެހި ރާއްޖޭގައި ބާއްވަނީ ސަރުކާރުގެ މަދު ބަޔަކަށް ލިބޭ މާއްދީ ފައިދާއަކަށް ކަމަށެވެ.އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ވެސް ވަނީ އިންތިހާދަރަޖައަށް މައްޗަށް ގޮސްފައި ކަމަށާއި އަލްގައިދާ ފަދަ ޓެރަރިސްޓު ޖަމާއަތްތަކުގެ ސުލްހައިގެ ވާހަކަތައް ދިވެހި ރާއްޖޭގައި ބާއްވައިގެން އިތުރު "ހެޑް އޭކްސް" [ބޮލުގައި ރިއްސުން]ތަކެއް މިވަގުތު ދިވެހި ރާއްޖަށް ބޭނުން ނުވާކަމަށެވެ."މިފަދަ ކަންކަމަކީ ހަގީގަތުގައި ނުކޮށްދޫކޮށްލެވިދާނެ ކަންތައްތައް. އެހެން ނަމަވެސް ސަރުކާރުގެ މަދުބަޔަކަށް ލިބޭ މާއްދީ ފައިދާއަކަށް ޓަކައި ކުރާކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ." އަލީ ވަހީދު ވިދާޅުވި އެވެ.ސްރީލަންކާގެ ރައީސް ރާޖަޕްކްސާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަމުން މިމަހު 18 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އަފްޤާނިސްތާނުގެ ސުލްހައިގެ ވާހަކަތަކުގެ ސަބަބުން ދިވެހި ރާއްޖެއަށް އެއްވެސް "ރިސްކެއް" [ބިރެއް] ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ