ވިލިފުށި ރައްޔިތުން ބޯހިމެނުމުގައި ބައިވެރިވާން ކައުންސިލުން އަންގައިފި

ވިލިފުށީ ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން ބޯހިމެނުމުގައި ބައިވެރި ނުވާން ނިންމާފައި ވަނިކޮށް ބޯ ހިމެނުމުގައި ބައިވެރިވެ އެ މަސައްކަތަށް އެއްބާރުލުން ދޭން ވިލިފުށި ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ ރައީސް އިބްރާހިމް ޝާފިއު މިއަދު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގެ މަސައްކަތުގައި އެއްބާރުލުން ދޭން އެދިލައްވާ ކަމަށެވެ،
"އަޅުގަނޑު ގޮވާލަން ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވެ އެކަމަށް އެއްބާރުލުން ދޭން،" ޝާފިއު ވިދާޅުވި އެވެ.
ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ނުދޭން އެ ރަށުގެ ބައެއް ރައްޔިތުން ނިންމީ އެ މީހުންގެ ދާއިމީ އެޑްރެހެއް ނެތުމުންނެވެ. ޝާފިއު ވިދާޅުވީ އެ ރައްޔިތުންގެ އައިޑީ ކާޑުގައި އޮތް އެޑްރެސް ނިސްބަތްވާ ގެ މިހާރު ފެންނަން ނެތް ކަމަާއި މިހާރު ދިރިއުޅޭ އެޑްރެސް ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށެވެ.
"އައިޑީކާޑުގައި އޮތީ ސުނާމީގެ ކުރިން އުޅުނު ގެތަކުގެ އެޑްރެސް. އެ ގެތަކެއް މިހާރު ފެންނާކަށް ނެތް. މިހާރު އެ [ރައްޔިތުން] އުޅޭ އެޑްރެސް އޮތީ ރަޖިސްޓްރީ ނުކޮށް،" ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީގައި ދާދިފަހުން ވެސް އެ މައްސަލަ ހައްލުކޮށްދިނުމަށް ދެންނެވުނު ކަމަށާއި އަންނަ މަހު ޖަވާބެއް ދެއްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މުޅި ރާއްޖޭގައި މި މަހުގެ 20 އިން 27 އަށް ބޯހިމެނުން ބާއްވަން ނިންމާފައިވާއިރު ބޯހިމެނުން މި ބާއްވަނީ އަށް އަހަރަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ