އިސްރާއީލުން، ފަލަސްތީނުގެ ފަސް މުޖާހިދަކު ޝަހީދު ކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތަކެއްދީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަސް މުޖާހިދަކު ޝަހީދު ކޮށްލައިފިއެވެ. މިފަސް މުޖާހިދުން ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލަޙް ގައެވެ. މަންޒަރުދުށްމީހުންނާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި އިސްރާއީލުގެ ޖާސޫސީ މަތިންދާބޯޓަކުން މިފަސްމީހުންނަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއްދިނީ އިސްރާއީލުގެ ޢަސްކަރީ ކޭންޕަކަށް ރޮކެޓް ޙަމަލާތަކެއް ދިނުމަށް މިބައިމީހުން ތައްޔާރުވަމުން ދަނިކޮށެވެ. އިސްރާއީލުގެ މަތިންދާބޯޓުން ދިން މިޙަމަލާތައް މިފަސްމުޖާހިދުންގެ ހަށިތަކަށް އަމާޒުވުމުން އެމީހުންގެ ހަށިތައް ކުދިކުދިވެ ކައްޓާއި މަސްތައް އެތަންމިތަނަށް ބުރައިގެން ގޮސް މުޅި ސަރަޙައްދު ލެއިން ތަތްތެޅިފައިވާ ކަމަށް މަންޒަރުދުށްމީހުން ބުނެއެވެ. އިސްރާއީލުންވަނީ ވައިގެ ސިފައިން ގެ ޙަމަލާތަކެއްގައި ފަލަސްތީނުގެ ފަސް މުޖާހިދަކު ޝަހީދު ކޮށްލިކަމަށް ކަމަށް ބުނެފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މިފަސް މުޖާހިދުން ނިސްބަތްވާ ފަލަސްތީނުގެ ޖަމާޢަތްތައް އަދި ހާމަވެފައެއް ނުވެއެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭހާ ހިނދަކު އިސްރާއީލާ ދެކޮޅަށް ޢަސްކަރީ ޙަމަލާދީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރުމަކީ ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށްވެސް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ލިބިގެންވާ ޙައްޤެއް ކަމަށާއި އިސްރާއީލުގެ އަނިޔާވެރިކަމަށް ބެލުމެއްނެތި މިނިވަންކަމުގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ފަލަސްތީނުގެ ޖަމާޢަތްތަކުންވަނީ ވަޢްދު ވެފައެވެ. - ޖަވާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ