އެމްޑީޕީ މެންބަރުން އެއާޕޯޓްގައި މުޒާހަރާ ކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

5 މާޗް 2015 ގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮލުމަށް އަޑުއުފުލައި، މުޒާހަރާކުރި އެމްޑީޕީގެ މެންބަރުން ތިން މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް، ތިން އަހަރު ދުވަހުގެ މުއްދަތަށް މިޙުކުމް ތަންފީޛުނުކޮށް ފަސްކުރުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
އެމްޑީޕީގެ 15 މެންބަރަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވެސް އޮތީ ތާއީދު ކޮށްފައެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ސިފާ މުޙައްމަދު ހިމެނިވަޑައިގައްނަވާގޮތަށް އަންހެނުންގެ ރޫހުގެ 14 އަންހެން ބޭކަނބަލަކާއި އަދި ޤައުމީ މަޖިލިސް މެމްބަރު، ވިލިމާލޭ ދާއިރާގެ ރައީސް އިބްރާހިމް މަނިކުގެ މައްޗަށް ޙުކުމްކޮށްފައިވާ މި މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީޕް ކޯޓަށް ހުށަހެޅުއްވީ، އޭގެ ތެރެއިން އެކަކުކަމުގައިވާ ސ.ހުޅުދޫ/ ކަޅުމަގިގޭ މަރްޔަމް ޒުބައިރު (މަންދީ) ކަމަށެވެ.
މަރްޔަމް ޒުބައިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި، މި މައްސަލަ ހައި ކޯޓުން 2017 ގައި، ދައުލަތާ އެއްކޮޅަށް ނިންމުމުން، ސުޕްރީމް ކޯޓަށް، 60 ދުވަހުގެ ތެރޭގައި އޭރު އިސްތިއުނާފު ނުކުރެވުނީ، މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ވަކީލެއް އައްޔަނުކުރުމުގެ މާލީ ތަނަވަސްކަން މަރްޔަޔް ޒުބައިރު ކިބައިގައި، އޭރު ނެތުމުންކަމަށާއި، މަރްޔަމް ޒުބައިރުގެ ފަރާތުން ހައިކޯޓަށް ދިޔަ ވަކީލުގެ އަތުގައި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ސަނަދު އޭރު ނެތުމުންކަމަށާއި، އަދި 2017 ގައި ސިޔާސީ މަސްރަޙު އޮތްގޮތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްގެން ކުރިއެރުމެއް ލިބޭނެކަމަށް އޭރު ނުފެނުމުންކަމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ އިސްތިއުނާފުކުރެވޭނެ އެހެނިހެން ހުރިހާ ދޮރުތައް މިހާރު ބަންދުވެފައިވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޓެރަރިޒަމް މައްސަލައާއި، މިހާރުގެ ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ޓެރަރިޒަމް މައްސަލަ، ސުޕްރީމް ކޯޓުން ބަލައިގަތް ފަދައިން، މި މައްސަލަވެސް ބަލައިގަތުމަށް މަރްޔަމް ޒުބައިރު އެދިފައިވެއެވެ.
އިސްތިއުނާފުކުރާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ޙުކުމްކުރި އިރުވެސް މި މައްސަލައިގެ ދަޢުވާ ސާފު ނުވާކަމަށާއި، "އެއްވުމުގެ ޤާނޫނާ" ޚިލާފުވެގެން، ދައުލަތުން ދަޢުވާ ކުރީ، މި 15 ބޭފުޅުން "މުޒާހަރާ ކޮށްފައިވާތީ" ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރުމަކީ ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި އޮތް ކަމެއް ނޫންކަމަށެވެ. އަދި މި ބޭފުޅުން އެއާޕޯޓުގައި އެއްވުމެއް އެއްވިތަންވިއަސް ނުވަތަ މުޒާހަރާއެއް ކުރިތަންވިއަސް ކަނޑައެޅިގެން ފެނުނު ދެ ހެކިން ދައުލަތަށް ދެއްކިފައިނުވާއިރު، މި މައްސަލަ ޤާޟީ ނިންމަވާފައިވަނީ މި ބޭފުޅުން އެދުވަހު އެއާޕޯޓަށް ވަޑައިގެންފައިވާތީ، ކުށްވެރިވީކަމުގައި ބަލާފައިކަމަށް މަރިޔަމް ޒުބައިރު ބުނެފައި ވެއެވެ.
މިގޮތަށް ޤަރީނާ އިސްތިދްލާލް ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެއް ނޫންކަމަށެވެ. މިގޮތުން ބަލާއިރު، ބަޔަކު އެއާޕޯޓަށް ދިޔުމަކީ އެބަޔަކު އެއްވުމެއް އެއްވިކަމުގެ ޤަރީނާއަކަށް ނުބެލެވޭ ކަމަށާއި އަދި މި ވާޤިޢާގެ މައްޗަށް ބުރަވެ، ދިފާޢީ ހެކިންގެ ހެކިބަހުގައިވެސް ދަޢުވާލިބޭ ފަރާތްތައް އެއާޕޯޓަށް ދިޔަކަން ސާބިތުވާކަމުގައި ބުނެ، ދަޢުވާލިބޭފަރާތްތައް "އެއްވިކަން" ސާބިތުނުވާނެކަމުގައި އިސްތިއުނާފުގައި ވެއެވެ.
އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ދުވަހަކު އެތައް ބައެއް ގޮސްއައިސްވާއިރު، މިއިން ކޮންމެ މީހަކު އެތަނުގައި ފައިއަޅައިފިނަމަ އެތަނުގައި އެއްވުމެއް އެއްވިކަމަށް ނުބެލޭނެކަމަށާއި، އެއްވިކަމަށް ބެލެވޭނީ ކަނޑައެޅިގެން އެއްވިތަން ފެނުނު ދެ ހެކިންގެ ހެކިބަހުން ސާބިތުވާނަމަކަމުގައި އިސްތިއުނާފުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ