ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ދީނާ ޚިލާފު ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.
ގާސިމް ރައްދު ދެއްވާފައިވަނީ ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ދިވެހިން ހެދުން އެޅުމުގައި ގެންގުޅޭ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ދިވެހިންގެ ތެރެއަށް ބުރުގާ އެޅުން ތައާރަފުވުމުގެ ކުރިން ދިވެހިން ލައި އުޅުނު ފަދަ ހެދުންތައް ދޫކޮށްލުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވައި ކުރިން ހެދުން އެޅި ގޮތަށް ހެދުން އެޅުން ބަދަލު ނުކޮށް އެ ގޮތުގައި ތިބުމަށް ގޮވާލައްވާ ކަމަށެވެ.
"އެކި ގޮތް ގޮތުން އަޅުގަނޑުމެންނަށް އިވެމުން މިދަނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީން މަތީގައި ގައުމު އޮވެގެން މި ކުރިއަށްދާ ދިއުމާމެދުގައި ބަޔަކު ކަން ބޮޑު ވެގެން އުޅޭކަން. މީހަކު ކަން ބޮޑު ވެގެން އުޅޭކަން. މިއީ ވަރަށް ދެރަ ކަމެއް އިނގޭތޯ! އެ މީހަކީ ކާކުތޯ އަޅުގަނޑު ކޮށި ކުޑަ ކޮށްލާފައި ގެންނަ ކަމަށް ވަންޏާ... ދަންނަވާކަމަށް ވަންޏާ އެއީ މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު... ވަރަށް ދެރަ ކަމެއް ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ކުޑަކުދިންތަކެއް ކުރިމަތީގައި އެފަދަ ވާހަކަތަކެއް ދެއްކެވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެފަދަ ވާހަކަތަކެއް ސްކޫލެއްގައި ދެއްކެވީ ކީއްވެގެންތޯ ސުވާލުވެސް ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މާޒީ ފުހެވި ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލު ކުރުމަށް އެތައް ގޮތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ.
މިވާހަކަތަކާ ދެކޮޅަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.
ނަޝީދުގެ ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ