މޫސުން ގޯސްވެ، ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހަތް އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ބ އަތޮޅުން މ އަތޮޅަށް މިއަދު 11:45 އިން ހަވީރު 16:00 އާ ދެމެދަށެވެ. އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ