ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަ ދައްކާނަމަ އެއީ ގޯހެއް ކަމަށާއި ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނެސް ގައުމުގެ މަސްލަހަތު ގެއްލި ގައުމު ހަލާކުވާ ގޮތްގޮތަށް ކަންކަން ނުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެޕާޓީއަށް އަލަށް ގުޅިވަޑައިގަތް ބައެއް މެމްބަރުން ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަ ވާހަކަ ރައްޔިތުން މަޖިލީހުގެ ''ކުޑަ ދަށުގައި'' ދައްކާ ކަމަށެވެ. މިއީ ދެކެވޭ ވާހަކައެއް ކަމެއް، ނިމިފައިވާ ނިންމުމެއް ކަމެއް ނުވަތަ ހުވަފެނެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ލިބިފައިވާ ބާރު ރައްޔިތުންގެ އަތުން ލުހެލާނެ ނިޒާމެއް ކަމަށް ގާސިމް ސިފަ ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ އެންމެ 200 ވޯޓު ލިބިގެން މަޖިލީހަށް އަންނަ މެންބަރަކަށް ޕްރައިމް މިނިސްޓަރުކަން ލިބިދާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކާއެކު ހުރިހާ ބާރެއް އޮންނާނީ ޕްރައިމް މިނިސްޓަރުގެ އަތުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ހަމައެކަނި ''ފިގާ ހެޑެއް'' ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ގައުމު ހިންގަން ތިބޭ ހުރިހާ މިނިސްޓަރުންނާއި އެންމެން ތިބޭނީ މަޖިލީހުގައިކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
''ބަރުލަމާނީއަށް ބަދަލުވެގެން ދިޔައިމަ ރައްޔިތުން މަޖިލީހުގަ ތިބޭނީ، ޑެޕިއުޓީ މިނިސްޓަރުން މިނިސްޓަރުން އެހެން ގޮސް ކިޔަންވީ، ރައްޔިތުން މަޖިލީހުގެ މެމްބަރުން ތިބޭނީ އެކިއެކި މުހިއްމު ވަޒީފާ ތަކުގަ. ކެބިނެޓުގައި ތިބޭނީ ހުސް ރައްޔިތުން މަޖިލީހުގެ މެމްބަރުން. މީ އެންމެނަށްވެސް އެނގޭ އެއްޗެއް. ކެބިނެޓަކަށް ނުލެވޭނެ ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކޮށްގެން އައި މީހަކު ނޫނިއްޔާ.'' ގާސިމް ވިދާޅުވިއެވެ.
ކަންކަން މިހެން ހިނގައިފިނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ މީހަކު ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައިވެސް ޕްރައިމް މިނިސްޓަރަކު އުފައްދައިގެން ވީގޮތް ތަޖުރިބާކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ބަރުލަމާނިއަކާއެކު ރައްޔިތުންގެ ކިބައިން ހުރިހާ ބާރެއް ގެއްލި، ވެރިކަމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބިގެން ދާނެ ކަން ގާސިމް ފާހަގަ ކުރެއްވިއެވެ. އޭރުން ރާއްޖޭގެ ވެރިކަން ލިބިގެން ދާނީ އެއިރަކު މަޖިލީހުގެ މެޖޯރިޓީ އޮންނަ ބަޔަކަށް ކަމަށާއި މީގެ އިތުރުން ގައުމުގެ ހުރިހާ ކަމެއް މަޖިިލީހުން ނިމިގެން ދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ މިފަދަ މޮޔަ ވިސްނުން ނުގެންގުޅުއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކަންކަން ނިންމާއިރު ވިސްނުން އިސްކުރައްވައި، ގައުމުގެ މަސްލަހަތު ނުގެއްލޭނެ ފަދަ، ގައުމު ހަލާކުވެގެން ނުދާނެ ގޮތަކަށް ކަން ކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.
ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކާނަމަ އެއީ ގޯހެއް، މަސްލަހަތު ގެއްލި ގައުމު ހަލާކުވާ ގޮތަށް ކަންކަން ނުކުރައްވާ!: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ